އެމެރިކާގެ ސެންޓްރަލް ބޭންކުގެ ފެޑެރަލް ރިޒަރވްގެ އިންޓްރަސްޓް ރޭޓް ދަށްކޮށްފިއެވެ.
އާދިއްތަ ދުވަހު ފެޑެރަލް ރިސަރވުން އިއުލާނުކޮށްފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގުޅިގެން ފެޑެރަލް ރިސަރވްގެ އިންޓްރަސްޓް ރޭޓް ވަނީ ސުމަކަށް ދަށް ކޮށްފައެވެ.
އެންމެ ފަހުން އެ ޤައުމުގެ ފެޑެރަލް ރިޒަރވް ސުމަކަށް ގޮސްފައިވަނީ މީގެ 10 ވަރަކަށް އަހަރު ކުރިން ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގެ ތެރޭގައެވެ.
އޭގެ އިތުރުން، ފެޑެރަލް ރިސަރވުން އިތުރު 700 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ބޮންޑުތަކާއި، މޯޓޭޖް ސެކިއުރިޓީތައް ގަތުމަށް ނިންމާފައިވާކަން ވަނީ އިއުލާނުކޮށްފައެވެ.
ސެންޓްރަލް ބޭންކުގެ ފެޑެރަލް ރިޒަރވުން ވަނީ ބޭންކް އޮފް ކެނެޑާ، ބޭންކް އޮފް އިންގްލޭންޑް، ބޭންކް އޮފް ޖަޕާން އަދި ޔޫރަޕިއަން ސެންޓްރަލް ބޭންކުގެ އިތުރުން، ސްވިސް ނޭޝަނަލް ބޭންކާއި ގުޅިގެން އެ ޤައުމުތަކުގެ ފައިސާގެ އެކްސްޗޭންޖް ރޭޓް ލުއި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެމެރިކާގައި މިވައިރަސްއާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ހުކުރު ދުވަހު އެވެ. އެގޮތުން އެމެރިކާއިން 3000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 63 މީހަކު ވަނީ ވައިރަސްގައި މަރުވެފައެވެ.