Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 19:36
ސާރކް ގައުމުތަކުގެ ލީޑަރުންގެ ވީޑިއޯ ކޮންފަރެންސްގެ ތެރެއިން
ސާރކް ގައުމުތަކުގެ ލީޑަރުންގެ ވީޑިއޯ ކޮންފަރެންސްގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19
ސާރކް ގައުމުތަކުން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތަށް ފަންޑެން ހުޅުވުމަށް މަޝްވަރާކޮށްފި
އިންޑިއާއިން ވަނީ ފަންޑަށް 10 މިލިއަން ޑޮލަރު ޖަމާކުރައްވަނެކަމަށް ވިދާޅުވެފައި
ގައުމުތަކުން ވަސީލަތްތަކާއި އެހީތެރިކަން ބަދަލުކުރުމަށް ވަނީ އެއްބަސްވެފައި
އިންޑިއާ އޮތީ ލީޑިން ގައުމުގެ ގޮތުގައި

ސާރކްގެ ގައުމުތަކުން ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރުމުގެގޮތުން އެމަޖެންސީ ފަންޑެއް ހުޅުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހަޅުއްވައިފިއެވެ.

މޯދީ މިކަން ހުށަހެޅުއްވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ސާރކްގެ ގައުމުތަކުގެ ލީޑަރުންނާއެކު އާދީއްތަ ދުވަހުގެ ހަވީރު ބޭއްވެވި ފުރަތަމަ ވީޑިއޯ ކޮންފަރެންސްގައެވެ. މޯދީ ވިދާޅުވީ ފަންޑު ފުރަތަމަ އެކުލަވާލައްވާ އިރު، އިންޑިއާ އިން 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރައްވާނެ ކަމަށެވެ.

Advertisement

މޯދީގެ މި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަފްގާނިސްތާނާއި ބޫޓާނުން ވެސް ވަނީ ތާއިދުކޮށް މަރުހަބާ ދަންނަވާފައެވެ.

މޯދީ ވިދާޅުވީ މި ފަންޑަކީ މެންބަރު ގައުމުތަކުން ވޮލެންޓިއަރކޮށް ކޮންޓްރިބިއުޓް ކުރާ ފަންޑަކަށް ހެދިދާނެ ކަމަށާއި، ފެށުމުގެ ގޮތުން އިންޑިއާއިން 10 މިލިއަން ޑޮލަރު ފަންޑަށް ޖަމާކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ސަރަހައްދީ ގައުމުތަކަށް ބޭނުންވާ ސިއްހީ އަދި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

ސާރކުގެ ގައުމުތަކަށް މެޑިކަލް ރެސްޕޯންސް ޓީމް ތަމްރީނުކުރުމާއި، އަދި އިންޑިއާގެ ރެޕިޑް ރެސްޕޯންސް ޓީމުގައި ހިމެނޭ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ތިއްބަވާނީ މި ބަލި މަޑުކަމާއި ގުޅިގެން ސާރކްގެ ގައުމަކަށް އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި ދިއުމަށް ތައްޔާރަށް. އަޅުގަނޑުމެންގެ ގުޅުން ވާންޖެހޭނީ މުޅި ދުނިޔެއަށް ނަމޫނާއަކަށް. މި ބަލިމަޑުކަމާއި ދެކޮޅަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ އެކަތިގަނޑަކަށްވެ ތިބެގެން އަދި މިކަން ކާމިޔާބު ކުރާނީ ވެސް އެގޮތުގައި،
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

މޯދީ ވިދާޅުވީ ސާރކުގެ ގައުމުތަކުން ބޭނުންވާ ކަންކަމުގެ ލިސްޓެއް އެކުލަވާލައްވާފައިވާ ކަމަށާއި، އަވަށްޓެރި ގައުމުތަކަށް ބޭނުންވާ ކަންކަން ވީއެންމެ ބޮޑަކަށް ކޮށްދެއްވާނެ ކަމަށެވެ.

މި ވީޑިއޯ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ އިންޑިއާއިން މިކަމުގައި އިސް ދައުރެއް އަދާކުރެއްވިދާނެ ކަމަށެވެ. އަދި އިންޑިއާއަކީ ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) އަދި ސާރކުގެ މެންބަރު ގައުމަކަށް ވުމުން އިންޑިއާއިން މިކަމުގައި އަފްގާންގެ އިތުރުން އެހެންގައުމުތަކަށް ވެސް އެހީތެރިވެވިދާނެ ކަމަށެވެ.

"އަޅުގަނޑު ހުށަހަޅަން ކޮރޯނާވައިރަސްއައި ދެކޮޅަށް މަސައްކަތް ކުރުމަށް ޓެލެ މެޑިސިންގެ ފްރޭމްވޯކެއް ހެދުމަށް. އަދި ޕީއެމް މޯދީގެ އިސްނެންގެވުމަށް މަރުހަބާ ދަންނަވަން. ގައުމުތަކަށް މި ބައްޔަށް ސަމާލުވެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނަން ޖެހޭ،"
އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވިދާޅުވީ މި ކަމުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ހިޔާލާއި އަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ވަރަށް މުހިންމު ކަމަށެވެ. އަދި މިކަމުގައި އަރައިގަންނަ އިރު ސާރކް ގައުމުތަކުން އިގްތިސާދީ އަނދަވަޅަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަން ދުރާލާ ރާވަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ހުށަހަޅަން ސާރކުގެ މިނިސްޓީރިއަލް ލެވެލްގެ ގްރޫއްޕެއް އުފައްދަން ކޮރޯނާވައިރަސް ދެކޮޅަށް މަސައްކަތް ކުރުމަށް. މިކަމުގައި ތަޖުރިބަތައް ހިއްސާކުރުމާއި އެއަގުމު އަނެއް ގައުމަށް މިވަގުތަށް އެހީތެރިވުމަކީ އެންމެ މުހިންމު އެއްކަންތައް. މީގެ އިތުރުން ތެދު ނޫން މައުލޫމާތުތައް ފެތުރުން ހުއްޓުވުމާއި އާންމުގެ ތެރޭގައި ހާސްވާ ފަދަ ހަބަރުތައް ހުއްޓުވުމާއެކު މިފަދަ އިތުރު ބައްދަލުވުންތައް ބޭއްވުން މިވަގުތަށް ވަރަށް މުހިންމު،"
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ

ބޫޓާންގެ ބޮޑުވަޒީރު ލޮޓޭ ޝެރިންގެ ވިދާޅުވީ ސާރކް މެންބަރު ގައުމުތަކުން ވަސީލަތްތައް ބަދަލުކުރެއްވުން މި ދަނޑިވަޅުގައި މުހިންމު ކަމަށެވެ. މީގެ އިތުރުން މި ވައިރަސްގެ ސަބަބުން ދިމާވެދާނެ ކަންކަމަށް ދުރާލާ ވިސްނުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މަސައްކަތުން މިކަމުގައި ފައިދާތަކެއްވާނެ. އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރާނަމަ މި ވައިރަސްއިން ސަލާމަތްވުމުގެ ފުރުސަތު ބޮޑު،"
ބޫޓާންގެ ބޮޑުވަޒީރު ލޮޓޭ ޝެރިންގެ

ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވިދާޅުވީ ސާރކްގެ ގައުމުތަކުން ކޮވިޑް-19 އާއި ދެކޮޅަށް ކުރައްވާ މަސައްކަތް ކާމިޔާބުވުމަކީ އެކަމަނާވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި ވަކިވަކި މައްސަލަތަކާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޝްވަރާ ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެކަމަނާވަނީ އަލިއަޅުއްވާލައްވާފައެވެ.

"އަޅުގަނޑުމެން އެއްކޮށް ގުޅިގެން މި ވައިރަސްއާއި ދެކޮޅަށް މަސައްކަތް ކުރެވޭނެ. އަދި މެދު ކެނޑުމެއް ނެތި ތަޖުރިބާކާރުންނާއެކީ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމުކަމެއްގެ ގޮތުގައި ދެކެން،"
ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ

ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ އޮލީ ވިދާޅުވީ ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ސާރކުގެ ގައުމުތަކުން ކަންކަން ކުރިއަށްގެންދާނެގޮތުގައި މެކޭނިޒަމްއެއް އުފައްދަން ޖެހޭ ކަމަށެވެ.

"މިވަގުތަށް އެންމެ މުހިންމު ކަމަކަށް ވާނި އަޅުގަނޑުމެން އަމަލުކުރާނެ ގޮތުގެ ތާވަލެއް އެކުލަވާލާ އެކަމަށް މަސައްކަތް ކުރުން."
ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ އޮލީ

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕާކިސްތާންގެ ހެލްތް މިނިސްޓަރުގެ ހާއްސަ އެސިސްޓެންޓް ޒަފަރު މިރްޒާ ވިދާޅުވީ އެއްވެސް ގައުމުކުން މިކަމަށް ދީލާލައިގެން ނުތިއްބަވާނެ ކަމަށާއި، ހުރިހާ ގައުމުތަކުން ވެސް ހިއްސާ ކުރައްވަނީ އެއްކަހަލަ ކަންބޮޑުވުންތަކެއް ކަމަށެވެ.

"އުއްމީދާއެކު އަޅުގަނޑުމެން ތައްޔާރުވާންވީ މިކަމުގެ އެންމެ ގޯސް ހިސާބަށް. އަދި މިވަގުތު ޖައްމު ކަޝްމީރުގައި އަޅާފައިވާ ފިޔަވަޅުތައް ނަގާލަންޖެހޭ ކޮރޯނާވައިރަސްއާއި ދެކޮޅަށް މަސައްކަތް ކުރުމަށް،"
ޕާކިސްތާންގެ ހެލްތް މިނިސްޓަރުގެ ހާއްސަ އެސިސްޓެންޓް ޒަފަރު މިރްޒާ

އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ ކުރިއަށް ވިސްނައި ސާކު ގައުމުތަކުން ގުޅިގެން އާންމު ރިސާޗް ޕްލެޓްފޯމެއް ގާއިމްކޮށް، އެޕިޑެމިކް ބަލިތައް ސާރކް ރީޖަންގައި ކޮންޓްރޯލު ކުރުމާ ގުޅޭ ރިސާޗުތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ. އަދި އެކަމަށް އިންޑިއާގެ މެޑިކަލް ރިސާޗު ކައުންސިލްގެ އެއްބާރުލުމާއި އެހީ ދެއްވާނެ ކަމަށް މޯދީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް