ޔޫރަޕްގެ ގިނަ ގައުމުތަކަށް ކޮވިޑް-19 ފެތުރެން ފެށުމާއެކު ޔޫރަޕްގެ ގިނަ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފަށައިފި އެވެ.
އެގޮތުން އޮސްޓްރިއާ އިން ވަނީ ފަސް މީހުންނަށްވުރެ ގިނައިން އެއްވާ އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ. އަދި އެގައުމަށް މީހުން އެތެރެވާ ގައުމުތަކުގެ ތެރެއިން މަނާކޮށްފައިވާ ލިސްޓު އިތުރުކޮށްފަ އެވެ. އެގޮތުން އިނގިރޭސިވިލާތާއި ނެދަރލެންޑްސް، ރަޝިޔާ އަދި ޔޫކްރެއިންއިން އޮސްޓްރިއާއަށް މީހުން އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އެގައުމުގެ ސްކޫލްތަކާއި ފިހާރަތައް ހޯމަ ދުވަހުން ފެށިގެން ބަންދުކުރާނެ އެެވެ.
ރޯމޭނިއާ އިން އަންނަނީ ހޯމަ ދުވަހު ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކުރުމަށް ތައްޔާރު ވަމުންނެވެ. އެގައުމުން މިހާތަނަށް 123 މީހުންނަށް ވަނީ މިވައިރަސް ޖެހިފަ އެވެ. އަދި ޗެކް ރިޕަބްލިކްގެ ބޮޑުވަޒީރު ވަނީ މުޅި ގައުމު ކަރަންޓީނުކުރުމަށް އިއުލާންކުރައްވާނެ ކަަމަށް ވިދާޅުވެފަ އެވެ.
ސްޕެއިން އާއި ފްރާންސުން ވަނީ ހޮޓާތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް އާންމުން އެއްވެ އުޅޭތަންތަނަށް އެއްވުން މަނާކޮށްފަ އެވެ. ސްޕެއިންގެ ބޮޑު ވަޒީރު ހޮނިހިރު ދުވަހު ވިދާޅުވީ ކޮންމެހެން ގަންނަންޖެހޭ އެއްޗެއް ގަތުމަށް ނޫނީ އެއްވެސް މީހަކު ބޭރަށް ނިކުމެ އުޅުމަކީ މަނާކަމެއްކަމަށެވެ. އަދި ސްޓޭޓް އޮފް އެމަރޖެންސީ ދެ ހަފްތާ ވަންދެން ކުރިޔަށްދާނެކަމަށާއި އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިނަމަ މުއްދަތު އިތުރުކުރާނެ ކަމަށްވެސް ސްޕެއިނުން ވަނީ ބުނެފަ އެވެ. އިޓަލީއަށް ފަހު ސްޕެއިންއަކީ އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ޔޫރަޕްގެ ގައުމެވެ.
ފްރާންސުންވެސް ހޮނިހިރު ދުވަހުން ފެށިގެން އެގައުމުގެ ރެސްޓޯރަންޓްތަކާއި ސިނަމާތަކާއި ނައިޓް ކްލަބްތައް އަދި ކޮންމެހެން ހުޅުވަންޖެހޭ ތަނެއް ނޫނީ ނުހުޅުވުމަށް އަންގާފަ އެވެ.
އިޓަލީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ވަނީ ލޮކްޑައުންކޮށްފަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ޔޫރަޕަކީ މިވައިރަސް ފެތުރުމުގެ މައި ތަންކަމަށެވެ. އެއާއެކު ޑަބްލިޔުއެޗްއޯ އިން ވަނީ ޔޫރަޕްގެ ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅާ މީހުން އެއްވެ އުޅުން ހުއްޓުވުމަށް ގޮވާލާފަ އެވެ.
ޗައިނާ ނެގުމަށްފަހު މިހާރު އެންމެ ހަލުވިމިނެއްގައި މިވައިރަސް ފެތުރެމުން އަންނަނީ ޔޫރަޕްގެ ގައުމުތަކުގަ އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކަށް މިވައިރަސް ޔޫރަޕްގެ ގައުމުތަކުން އަންނަނީ އެތެރެވަމުންނެވެ. މިހާތަނަށް އާއިރު މިވައިރަސް ދުނިޔޭގެ އެއްލައްކަ ފަންސާސް ހާސް މީހުންނަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ.