ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރޭތީ ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، ބޭރުފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މަދުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ އިސްނެންގެވުމުގެ މަތިން ސާކް ގައުމުތަކުގެ އިސްވެރިންގެ މެދުގައި އާދިއްތަ ދުވަހު ބޭއްވި ޓެކެކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާއިއެކު މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އަންނަ ފަތުރިވެރިންގެ 14.3 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި މި މަހުގެ ފުރަތަަމަ 10 ދުވަސް ތެރޭގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާ އަދަދު 22.8 އަށް ދަށްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ، މިހާރު މިދާ ގޮތަށް ކަންތައްދާނަމަ މި އަހަރުގެ ތެރޭގައި ފަތުރުވެރިންގެ 35 ޕަސެންޓް ދަށްވުމެއް އަންނާނެ ކަމަށެވެ. ރާާއްޖޭގެ ޖީޑީޕީގެ ބޮޑު ބަޔަކީ ފަތުރުވެރިކަމަށްވާއިރު، ގައުމަށް ވަންނަ ތިންބައިކުޅައި ދެބައި ބޭރު ފައިސާ ވަންނަނީ ފަތުރުވެރިކަމުގެ ސިނާއާތުންކަން ރައީސް ފާހަގަކުރެއްވިއެވެ.
''ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައި ލޮޅުން ތަކާއި އެކު ބޭރު ފައިސާގެ 450 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ލަފަކުރެވޭ''ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިގޮތަށް ކަންތައްތައް ވެގެންދާނަމަ ރާއްޖޭގެ އިގްތިސާދަށް އިނދެޖެހި، ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަަތައް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މި ވަގުތު ލަފާކުރެވޭ ގޮތުގައި ސަރުކާރުގެ އާމްދަނީގެ 135.9 މިލިއަން ޑޮލަރާ 446.9 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު ވަނީ، ތަފްސީލީ ސަރަހައްދި ސްޓްރެޓެޖީ ޕްލޭނެއް އެކުލަވައިލުމަށް މޯދީ ހުށައެޅުއްވި ޕްލޭންގައި މައިގަނޑު ތިން ކަމެއް އެކުލަވައިލެއްވުމަސް ގޮވައިލައްވާފައެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ހުށައެޅުއްވީ،ސަރަހައްދީ ގައުމުތަކުގެ ހެލްތް އެމެޖެންސީސް ތަކުގ ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ހިއްސަ ކުރުމާއި، ބެސްޓު ޕްރެކްޓިސް ހިއްސާ ކުރެވޭނެ މަގުތަނަވަސް ކުުރުމަށެވެ. ދެވަނަ ކަމަކަށް ހުށައެޅުއްވީ އިކޮނޮމިކް ރިލީފް ޕެކޭޖެއް އެކުލަވާންށެވެ. ތިން ވަނަ ކަމަކަށް ހުށައެޅުއްވީ، ސަަރަހައްދީ ގައުމުތަކުގެ މެދުގައި ކޮވިޑް-19 އަށް އަރާގަތުމުގެ ޕްލޭން އެއް އެކުލަވައިލުމެވެ.