ސަފާރީން އައިސޮލޭޓްކުރި ދެ މީހުން ވައިރަސް އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތް ފެނިގެން ސަފާރީއެއްގައި ތިބި 2 ބިދޭސީއެއްގެ ސާމްޕައިލް ނަގާ އުޅަނދު މޮނިޓަރ ކުރަމުންދާކަމަށް ހޮނިހިރު ދުވަހު އެޗްޕީއޭއިން ހާމަކޮށްފައިވާއިރު އެކަމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ކޮވިޑް-19 ގެ ޓާސްކްފޯސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ސަފާރީއިން ޓެސްޓްކުރި ދެމީހުންވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 ބިދޭސީން ސަފާރީ އުޅަނދެއްކަމުގައިވާ ވައިޓް ވޭވްސްގައި އެކަހެރިކޮށް، އެފަރާތް ތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައި، ސަފާރީ އުޅަނދު މޮނީޓަރިންގ ހާލަތަކަށް ގެނެވިފައިވަނީ ހޮނިހިރު ދުވަހުގައެވެ. މަބްރޫކް ވިދާޅުވީ، އެ ސަފާރީ އެންމެ ފަހުން ހަރަކާތްތެރިވެފައިވަނީ ފުވައްމުލަކު ސަރަހައްދުގައިކަމަށެވެ.
އަލަށް މިފެނުނު ކޭސްއާއެކު ރާއްޖެއިން މިހާރު ކޮވިޑް-19 އަށް 13 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ.
މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތައް
- ކުރެއްދޫ އައިލެންޑް ރިސޯޓް: 5
- ސޭންޑީޒް ބަތަލާ: 2
- އަނަންތަރާ ދިގު: 2
- ކުރަމަތި ރިސޯޓް: 2
- ވައިޓް ވޭވްސް ސަފާރީ: 2
ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި މި ހާލަތު އިއުލާންކުރުމަށް ފަހު، ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި، އާންމުން އެއްވެ އުޅޭ ޕާކް ފަދަ ތަންތަން، ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފުތާއަށް ބަންދުކުރަން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން ގެސްޓްހައުސްތަކަށް އަންނަ ގެސްޓުން ޗެކްއިން ވުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ. އަދި ރިސޯޓްތަކާއި ސަފާރީތަކުން އެކްސްކަރޝަންއަށް ރަށްރަށަށް ދިއުން މަނާކޮށްފައެވެ.