ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 14:34
އެފްއޭ ކަޕްގައި ޓީސީ އާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭ ކަޕްގައި ޓީސީ އާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ކޮރޯނާވައިރަސް (ކޮވިޑް-19)
އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފަސްކޮށްފި
ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި
ޓީސީ މިވަގުތު ވަނީ ލަންކާގައި ކަރަންޓީނުކޮށްފައި

ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ މުބާރާތްތައް ފަސްކޮށްފި އެވެ.

އެފްއޭއެމުން މިގޮތަށް ނިންމިއިރު، މިމަހުގެ 12 ވަނަ ދުވަހު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު މިވަގުތު ވަނީ ލަންކާގައި ކަރަންޓީނުކޮށްފައެވެ. ލަންކާގައި ޓީސީ ޓީމު ކަރަންޓީނުކުރީ އޭއެފްސީ ކަޕްގައި ބުދަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅެން އެ ގައުމަށް އެ ޓީމު ދަތުރުކޮށްފައިވާތީވެ އެވެ. ބަންގްލަދޭޝްގައި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރޭތީވެ، އެ ގައުމުން ރާއްޖެއަށް މީހުން އައުން މިވަގުތު ވަނީ މަނާކޮށްފައެވެ. އެހެންކަމުން ޓީސީ ޓީމު އެނބުރި ރާއްޖެ އަންނާނީ ލަންކާގައި ކަރަންޓީނުގެ މުއްދަތު ކަމަށްވާ 14 ދުވަސް ހަމަކުރުމަށްފަހު އެވެ.

މިހާތަނަށް މި ސީޒަނުގައި ބާކީ އޮތީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕެވެ. އެފްއޭއެމުން މި ދެ މުބާރާތްވެސް ފަސްކުރިއިރު، ހޯމަ ދުވަހު އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް އޮތީ ހަމަޖެހިފައެވެ. އެގޮތުން އެފްއޭ ކަޕްގައި ހޯމަ ދުވަހުގެ ހަވީރު ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު ބައްދަލުކުރަން ހަމަޖެހިފައި އޮތްއިރު، އެރޭ ސެމީ ފައިނަލް ދެވަނަ މެޗުގައި ޓީސީ ބައްދަލުކުރަން އޮތީ ކްލަބު އީގަލްސްއާ ދެކޮޅަށެވެ.

އެފްއޭ ކަޕް ފަސްކުރުމާއެކު، ޕްރެޒިޑެންޓްސް ކަޕްވެސް ވަނީ ފަސްކޮށްފައެވެ. މީގެ ކުރިން ޕްރެޒިޑެންޓްސް ކަޕްގެ ކުޅުން ފަށަން ކުރިން ތާވަލުކޮށްފައިވަނީ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް އެފްއޭއެމުން ނިންމާފައިވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައެވެ. އެއީ ޗެމްޕިއަން މާޒިޔާ، އީގަލްސް، ޓީސީ އަދި ކްލަބު ގްރީން ސްޓްރީޓްސް އެވެ.

އެފްއޭއެމުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށް ހުރިހާ މުބާރާތެއްގެ އިތުރަށް ތަމްރީނުތައްވެސް ވަގުތީގޮތުން މެދު ކަނޑާލާފައިވާ ކަމަށެވެ. އަދި މުބާރާތްތައް ދެން ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ހެލްތު ޕްރެޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާ އެންގުމަކަށް ބެލުމަށްފަހު ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ފަސްކުރިއިރު، އެފްއޭއެމުން މީގެ ކުރިން ވަނީ ޖަޒީރާ ޗެމްޕިއަންޝިޕްވެސް ފަސްކޮށްފައެވެ. އަދި އެ އިދާރާއިން ވަނީ ވައިޑީޕީ ހަރަކާތްތައްވެސް ހުއްޓާލާފައެވެ.

ރާއްޖެއިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 11 އަށް އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް
17 މާރޗް 2020 | އަންގާރަ 18:40
އިދާރާ
ހުރިހާ ކަމެއް ގަސް ކުރި އިރު ކިއްވެބާ އެ ފް އޭ އެން ގެ އިންތިހާބް ފަސް ނުކޮށް ތިއުޅެނީ. ހާލަތަށް ރިއާޔަތް ކޮށް ފަވެސް ތިކަން މަޑުޖައްސާލަބަލަ.