ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ހޮޓާތައް ހޮސްޕިޓަލްތަކަށް ބަދަލުކޮށް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފަރުވާ ހިލޭ ލިބޭނެހެން ހަދަން ނިންމައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯގެ އަމިއްލަ ގައުމު ޕޯޗުގަލްގައި ހަދައިފައި ހުރި އޭނާގެ ހުރިހާ ހޮޓަލެއް ހޮސްޕިޓަލްތަކަށް ބަދަލުކުރުމަށް އޭނާ ވަނީ ނިންމާފައެވެ. އަދި އޭނާ ހުޅުވާ ހޮސްޕިޓަލްތަކުން ފަރުވާ ހިލޭ ދިނުމަށް ރޮނާލްޑޯ ވަނީ ނިންމައިފައެވެ. އަދި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ މުސާރަ ރޮނާލްޑޯގެ އަމިއްލަ ޖީބުން ދިނުމަށް ވަނީ ނިންމާފައެވެ.
މީގެކުރިން ރޮނާލްޑޯ ވަނީ ޓުވިޓަރގައި އޭނާގެ ސަޕޯޓަރުންނަށް ހިތްވަރުދީފައެވެ.
ރޮނާލްޑޯ އޭނާގެ ޓުވިޓަރގައި ބުނީ މިއީ ދަތި ހާލަތެއް ކަމަށާއި، މި ހާލަތުން އަރައިގަތުމަށް ހުރިހާ އެންމެން އެކުވެ މަސައްކަތް ކުރަން ޖެހޭކަމަށެވެ. މިއަދު މިވާހަކަ ދައްކަނީ ފުޓުބޯޅަ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި ނަމަވެސް، ދަރިޔެއް، ބައްޕައެއް، އަދި އިންސާނެއްގެ ހައިސިއްޔަތުން މިވާހަކަ ދައްކަން މިއަދު މަޖުބޫރު ކަމަށް ބުނަމުން ރޮނާލްޑޯ ބުނީ މިވަގުތު އެންމެންނަށް ވެސް ރަނގަޅުވާނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދޭ އިރުޝާދާއި އެއްގޮތައް އަމަލުކޮށްގެން ކަމަށެވެ.
ރޮނާލްޑޯ އިތުރަށް ބުނީ އިންސާނުންގެ ފުރާނައަކީ އެހެން ހުރިހާ އެއްޗަކަށްވުރެ އަގު ބޮޑު އެއްޗެއް ކަމަށާއި، ކޮރޯނާވައިރަސް (ކޮވިޑް-19) ގައި ފުރާނަ ދޫކޮށްދިޔަ ހުރިހާ އެންމެނަށް ތައުޒިޔާ ކިޔާ ކަމަށެވެ. އަދި ކޮރޯނާވައިރަސް (ކޮވިޑް-19) އިން އަރައިގަތުމަށް އެންމެން އެކުވެ މަސައްކަތްކުރުމަށް ރޮނާލްޑޯ ވަނީ ގޮވާލާފައެވެ.
ރޮނާލްޑޯ މިހެން ބުނިއިރު ޔޫރަޕުގެ ބޮޑު ފަސް ލީގުގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އަދި މުޅި ޔުވެންޓަސްގެ ޓީމު ވަނީ ކަރަންޓީނުކޮށްފައެވެ. އަދި ރޮނާލްޑޯ އާއެކު ކުޅެމުންއައި އެޓީމުގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައެވެ.
ޔުވެންޓަސްގެ ކުޅުންތެރިއަކަށް ކޮރޯނާވައިރަސް ޖެހުނުއިރު، އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ވަނީ ނިންމާފައެވެ. އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އިޓަލީ ސަރުކާރުގެ މި ނިންމުމާއެކު، އޭޕްރީލް ތިނެއްގެ ކުރިން ކުޅެން ހަމަޖެހިފައި އޮތް އިޓާލިއަން ލީގުގެ އެއްވެސް މެޗެއް ކުރިއަކަށް ނުގެންދާނެ އެވެ. އެކަމަކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ އިޓަލީގެ ކްލަބުތަކާއި، ގައުމީ ޓީމުތައް ކުޅޭ މެޗުތައް ކުރިއަށްދާނެ އެވެ.