ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އިތުރު 5000 ސްކްރީން ކިޓް އަދި 1000 ކޮންފޮމެޓަރީ ކިޓް ގެނެސްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ހޮނިހިރު ދުވަހު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ ރެސްޕޮންސް ސެންޓަރ ގައި ބޭއްވި ޕްރެސްކޮންފަރެންސް ގައި ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ގެނެސްފައިވާ 5000 ސްކްރީން ކިޓުން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިތޯ ޓެސްޓު ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން، 1000 ކޮންފަމޭޓަރީ ކިޓުން ސީދާ ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އިތުރު 6000 ކިޓެއް ގެނެސްފައިވާއިރު, ކޮވިޑް-19 އަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯރްޓަރީގައި ޓެސްޓުކުރެވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މީގެ ކުރިން 1000 މީހުންނަށް ޓެސްޓު ހެދޭ ވަރަށް ކިޓް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ހުރިހާ އެންމެންނަކީވެސް ބިދޭސީންނެވެ. ކޮރޮނާވައިރަހަށް ޕޮޒިޓިވްވި މީހުންނަކީ ތަފާތު ހަތަރު ރިސޯޓަކުން ޕޮޒިޓިވްވި މީހުންނެވެ. ރާއްޖެއިން އެންމެ ފުރަތަމަ އެ ބަލި ފެނިފައިވަނީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ކުރެއްދޫ އައިލެންޑް ރިސޯޓްސް އެންޑް ސްޕާއިންނެވެ.
އެ ރިސޯޓުގައި ކޮވިޑް-19 ފެތުރިފައިވަނީ ޗުއްޓީ ހޭދަކުރަން ދިޔަ އިޓަލީގެ ދެ ފަތުރުވެރިންގެ ފަރާތުންނެވެ. އެމީހުން އެ ބައްޔަށް ޕޮޒިޓިވްކަން ރިސޯޓަށް އަންގާފައިވަނީ އެނބުރި އިޓަލީ އަށް ދިޔުމަށް ފަހުއެވެ. އެއާއި އެކު އެ ރިސޯޓުން މިހާތަނަށް ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އިޓަލީގެ ދެ ފަތުރުވެރިން ބަލިވެ ހުއްޓާ ރާއްޖެއިން ފުރުވަލުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބަލައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ވަނީ ފުުލުހަށް އަމުރުކޮށްފައެވެ. އަދި ފުލުހުން ދަނީ މިހާރު އެ މައްސަލަ ބަލަމުންނެވެ.