ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކިޔެވުން މެދުކަނޑާލުމާއި ގުޅިގެން ދުރުންދޭ ތަޢުލީމުގެ ނިޒާމުން ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށް މުދައްރިސުންނަށް އެ ޔުނިވަރސިޓީން އިލްތިމާސްކޮށްފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ.
ދައުލަތުން މިހާރު އިޢުލާނުކޮށްފައިވާ ހެލްތު އިމަރޖެންސީގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން 14 ދުވަހަށް ޔުނިވަރސިޓީތައް ބަންދުކުރަން އެންގުމާ ގުޅިގެން 28 މާރޗް އާ ހަމައަށް ކުލާހުގައި ދަރިވަރުންނާއި މުދައްރިސުން ތިބެގެން ކިޔަވައިދޭ ކިޔަވައިދިނުން ނޯންނާނެ ކަމަށް ޔުނިވަރސިޓީން ބުނެއެވެ. އަދި މި 14 ދުވަހުގެ ތެރޭގައި، ދުރުންދޭ ތަޢުލީމުގެ ނިޒާމުން ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމަށް މުދައްރިސުންނަށް ޔުނިވަރސިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮންމެހެން ބާއްވަން ނުޖެހޭ ކެމްޕަސްގައި ބާއްވާ ޙަރަކާތްތައް 28 މާރޗް އާ ހަމައަށް ވަނީ ކެންސަލްކޮށްފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށާއި އެތެރޭގެ ޔުނިވަރސިޓީ މުވައްޒަފުންގެ ދަތުރުތައް، 28 މާރޗް އާ ހަމައަށް ލަސްކޮށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ވާނަމަ، ވައިސް ޗާންސެލަރަށް އެންގުމަށް ވަނީ އަންގާފައެވެ. އަދި ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން އިސްކޮށްގެން، ކޮވިޑް-19 ޓާސްކްފޯސް އިން ޔުނިވަރސިޓީގެ މަސްރަޙް ބަލަމުން ދާނެ ކަމަށާއި، ދައުލަތުގެ ފަރާތްތަކުން މި ރޯގާ ގުޅިގެން އަންގާ އެންގުންތަކަށް އިޙްތިރާމްކުރުމަށް މުވައްޒަފުންނަށާއި ދަރިވަރުންނަށް އިލްތިމާސްކޮށްފައިވެއެވެ.