ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާފުށީ ޖަލު ސާފުކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ފަށައިފިއެެވެ.
ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުގައި ކުރިއަށް ގެންދާ މި މަސައްކަތަކީ ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެގައި 30 ދުވަހަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅިގެން ކުރެވޭ މަސައްކަތެއް ކަމަށެވެ. އެގޮތުން މި ފިޔަވަޅަކީ އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދުމީހުން އަދި ޖަލުތަކުގައި މަސައްކަތްކުރަމުންދާ އޮފިސަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކަލަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއްކަމަށެވެ.
މީގެއިތުރުން މި ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ޤައިދީންނާއި ބަންދުމީހުން ބޭނުންކުރާ ޢާންމު ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލު ސާފުކޮށް ޑިސްއިންފެކްޓްކުރުމުގެ ހަރަކާތުގައި ޤައިދީންނާއި ބަންދުމީހުންނަށް ކޯވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ވެސް ހިއްސާކުރެވޭނެ ކަމަށެވެ.
ކޮރޯނާވައިރަސް އާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ދަނީ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ މިސްކިތްތަކުގެ ކާޕެޓްތައް ނަގައި އެތަންތަން ޑިސްއިންފެކްޓް ކުރަން ފަށާފައިވާއިރު ބަސްތައްވެސް ޑިސްއިންފެކްޓް ކޮށްފައިވެއެވެ. އަދި ފެރީތަކުގެ ސާފުތާހިރުކަން އިންސްޕެކްޓްކޮށް، ސައި ހޮޓާތަކާއި ކެފޭ ތަކުގައި ހޭންޑް ސެނިޓައިޒަރ ބެހެއްޓުމަށް ވެސް ވަނީ އަންގާފައެވެ.