ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހާގެ ހާލު ދެރަ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަަނަ ފްލޯގައި ފަރުވާދެމުންދަނީ 70 އަހަރުގެ މީހެކެވެ. ދަރުމަވަންތަ އަށް އެމީހާ ބަދަލުކޮށްފައިވަނީ އިތުރު ފަރުވާދޭން ވެގެންނެވެ. އެއީ ކޮން ރިސޯޓަކުން ގެނައި މީހެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
ކޮވިޑް-19 ޓާސްކް ފޯހުން ހުކުރު ދުވަހުގެރޭ ދަރުބާރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެތެރެ ހަށީގެ ހާއްސަ ޑރ. މޫސާ މުރާދު ވިދާޅުވީ، 70 އަހަރުގެ މީހާ ހޮސްޕިޓަލަށް ގެނައި ދުވަހާއި އަޅާބަލާއިރު އެމީހާގެ ހާލަތު ބަލި ކަމަށެވެ.
އޭގެ މާނައަކީ މިހާރު އޭނާ އަށް އޮކްސިޖަން ދޭން ޖެހެޔޭ. އޮކްސިޖަން ދީގެން އޭނަގެ ހަށިގަނޑުގެ އޮކްސިޖަން ލެވެލް މި ވަގުތު ހިފަހެއްޓެނީ. އެއަށްވުރެ އިތުރަކަށް އޭނާ ގޯހެއް ނުވޭ. އޭނަގެ ކަންތައްތައް ހުރި ރަނގަޅަށްޑރ. މުރާދު - އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރ
ޑރ. މުރާދު ވިދާޅުވީ، އެމީހާގެ ހާލަތު ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ އޭނާގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ވެންޓިލޭޓަރަށްލާ ހިސާބަށް އޭނާގެ ހާލު ގޯސްނުވާ ކަމަށެވެ. ޑރ. ވިދާޅުވީ، އެމީހާގެ ގައިގައި ހުން ނެތް ކަމަށާއި، ނަމަވެސް މި ބައްޔަކީ ގޮތް ނޭނގެ ބައްޔަކަށްވާތީވެ އެމީހާގެ ހާލު ރަނގަޅެކޭ ނުދެންނެވޭނެ ކަމަށެވެ.
އެ ރޯގާ ޖެހޭ މީހުންގެ ތެރެއިން ހާލަތު ގޯސްވާ މީހުންނަސް ސަރުކާރުން ހަމަޖައްސާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯއެވެ. އެ ތަނުގައި އެއް ފަހަރާކާ 10 މީހަކަަށް ފަރުވާދެވޭނެ ކަމަށް މީގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ޑރ މުރާދު ވަނީ ވިދާޅުވެފައެވެ.