ކޮވިޑް-19 އަށް ނެގެޓިވްވި ދެ ބިދޭސީންނާއި ދިވެއްސެއް ގޭގައި އެކަހެރިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ބުރާސްފަތި ދުވަހު އެޗްޕީއޭ އިން ބުނީ ވިލިވަރު ކަރަންޓީން ފެސިލީގައި ކަރަންޓީ ކުރެވުނު ދެ ބިދޭސީންނާއި ދިވެއްސެއްގެ ސާޕަލް ނަގާ ޓެސްޓުކުރުން އެ ތިން މީހުން ވެސް ކޮވިޑް-19 އަށް ނެގެޓިވްވުމުން ގޭގައި އެކަހަރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ތިން މީހުންގެ ޓެސްޓުތައް ދެ ފަހަރަށް ހެދިއިރު ވެސް ނެގެޓިވްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެއް އިމާރާތެއްގައި ހުރުމަށްފަހު އެނބުރި ރާއްޖެ އައި ފަހުން ވައިރަސްގެ އަލާމަތްތައް ފެނުނު ދިވެއްސަކު އެޗްޕީއޭގެ ފަރާތުން ކަރަންޓީންކޮށްފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނަ ވެސް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މީގެ އިތުުރުން އެޗްޕީއޭ އިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިތުރު ޓުވީޓެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮބްލޫ-ސަނެގެލި ރިސޯޓުން 3 ބިދޭސީއަކު ކޮވިޑް- 19 އަށް ޝައްކުރެވޭ އަލާމާތްތަކެއް ފެންނާތީ އެ ފަރާތްތަކުގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ރިސޯޓުގައި މޮނިޓަރިންގްއަށް ލެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.