އަންނަ އެޕްރިލް މަހުގެ 4 ގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު، 18 އެޕްރިލްއަށް ފަސްކުރިކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިހާބު ފަސްކުރީ، އަންނަ މަހުގެ 18 ވަނަ ދުވަހަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ އިންތިހާބު ފަސްކުރެވޭނެ އެންމެފަހުގެ ތާރީހް ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރީ، ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މުޅި ރާއްޖެއަށް 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމާއި ގުޅިގެންކަމަށެވެ. އަދި އެ މުއްދަތު ސަރުކާރުން އިތުރުކޮށްފިނަމަ، އެކަމުގައި ކުރިއަށްދާނެގޮތެއް ހޯދުމަށް ކޯޓަށް ވަޑައިގަންނަވާނެކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ކޯޓަށް ވަޑައިގަންނަވަނީ ކަނދައެޅިފައިވާ މުއްދަތަށްވުރެފަހުން އިންތިހާބު ބާއްވަންޖެހިއްޖެނަމަ އެކަމަށް ޤާނޫނީގޮތުން ހައްލުތަކެއް ހޯދަން ޖެހިވަޑައިގަންނަވާނެތީކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ އިންތިޚާބުގެ ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
''ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން ވޯޓު ކަރުދާސް ޕްރިންޓު ކުރުމާއި އަދި ރަށްރަށަށް ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ޕެކްކޮށް ޑިސްޕެޗް ކުރުން ފިޔަވައި އެހެން ހުރިހާ ކަމެއް އިންތިޚާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައި.''
ޝަރީފް ވިދާޅުވީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ގާނޫނުގައި ވާގޮތުގެ މަތިން އީސީން ލިބިގެންވާ ގާނޫނީ މުހުލަތުގެ ތެރެއިން ވޯޓުލާ ދުވަސް ފަސް ކުރެވޭނެ ފަހު ތާރީހު ކަމަށާއި، މިތާރީހު ބަދަލުކުރުމާ ގުޅިގެން އިންތިޚާބުގެ ކަންކަން ތަރުތީބު ކުރަމުންދާނީ ރާވަމުންދާނީ މިތާރީހާ އެއްގޮތަށް ކަމަށެވެ.
''އޭގެ މާނައަކީ ރީރަޖިސްޓްރޭޝަންއާ 18 އޭޕްރީލް ވާ ދުވަހުގައި 18 އަހަރު ފުރޭ ކުދިންގެ ލިސްޓެއް ނުވަތަ ވޯޓާސް ލިސްޓެއް އަޅުގަނޑުމެން ތައްޔާރުކުރަންޖެހޭނެ. އަދި އޭގެ އިތުރުން އެއަށް ޝަކުވާ ހުށަހެޅުމާއި އަލުން ރީރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް އަޅުގަނޑުމެން ހުޅުވާލާނަން. އަދި މިރޭ އަޅުގަނޑުމެންގެ ކޮމިޝަންގެ ޓެކްނިކަލް ޓީމްގެ ފަރާތުން އިތުރު ބައްދަލުވުމެއް ކުރިއަށް ގެންދާނެ. ތާރީހު ލަސްކުރުމާއި ގުޅިގެން އޭގެ މައްޗަށް ބިނާކޮށް ކަންތައްތައް ރޭވުމުގެ ހަރަކާތެއް މިއަދު ކުރިއަށްދާނެ. ކުރިމަގުގައި އިތުރަށް އިންތިޚާބުގެ ކަންކަން ރޭވިފައިވާގޮތް ކުރިއަށް އޮތް އެހެން ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރާނަން.'
ޝަރީފް ވިދާޅުވީ އިންތިޚާބުގެ ކަންކަން އަލުން ބަލުން ފަށައިގެން ކުރިއަށްދާނެ ނަމަ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ. ނަމަވެސް ވޯޓު ލުމުގެ މުއްދަތު ލަސްކުރުމާ ގުޅިގެން މިއަންނަ މުއްދަތުގެ ތެރޭގައި އޮފިޝަލުންނާއި ޓާސްކްފޯސް މުއައްޒަފުންނަށް ކުރާ ހަރަދުތަކުގެ އިތުރުން އެހެން ހަރަދެއް ނުހިނގާނެ ކަމަށެވެ.