ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 13:33
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލް އިންތިހާބު
އިންތިހާބުގެ އޮފިޝަލުންގެ އެލަވަންސް ބޮޑުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި
800ރ. އާއި 2،100ރ. އަށް އެލަވަންސް ވަނީ ބޮޑުކޮށްފައި
އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ އެޕްރިލް މަހުގެ 4 ވަނަ ދުވަހު
އިންތިހާބު ފަސްކުރުމުގެ މަޝްވަރާތަކެއް ކުރިއަށް އެބަދޭ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އިންތިހާބުގައި މަސައްކަތްކުރާ އޮފިޝަލުންގެ މުސާރަ ބޮޑުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު އީސީން ހާމަކުރި އަދަދުތަކަށް ބަލާއިރު، އިންތިހާބަށް ނަގާ އޮފިޝަލުންނަށް 800ރ. އާއި 2،100ރ. އާ ދެމެދުގެ އަދަދެއްގެ އެލަވަންސެއް ލިބޭނެއެވެ. މީގެ ކުރިން އޮފިޝަލުންނަށް ދޭން ކަނޑައަޅާފައިވަނީ 500ރ. އާއި 1800ރ. އާ ދެމެދުގެ އަދަދެކެވެ.

އިންތިހާބުގެ އޮފިޝަލުންނަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީކާޑު ހިފައިގެން އައުމުން އިލެކްޝަން ކޮމިޝަނުގެ އޮފިޝަލުން ފޯމު ފުރައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ 15:00 އާ ހަމައަށް ވެލާނާގޭ ގްރައުންޑް ފްލޯގައި ފޯމް ފުރުމުގެ މަސައްކަތް ކުރިޔަށް ދާނެއެވެ. އަދި ހުކުރު ދުވަހުގެ 16:00 އިން 22:00 އަށް އާޓިފިޝަލް ބީޗާއި ސޯޝަލް ސެންޓަރުގައި އެ މަސައްކަތް ކުރިޔަށް ދާނެއެވެ.

މިހާރު ދިވެހިރާއްޖެއަށް ދިމާވެގެން އުޅޭ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އިންތިހާބު ފަސްކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. އަދި މޮނީޓަރިންގ ކޮމިޓީއާއެކު މަޝްވަރާކުރުމަށް ފަހު އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، އިންތިހާބު ފަސްކުރަން ޖެހިއްޖެ ނަމަ 30 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށް އީސީން ބުނެފައިވެއެވެ.

އޭޕްރީލް 4 ގައި އޮންނަ އިންތިހާބަށް 6386 އޮފިޝަލުން ބޭނުންވާކަމަށް އީސީން ވަނީ ބުނެފައެވެ. މިހާތަނަށް 4041 އޮފިޝަލުން ލިބިފައިވާ ކަމަށާއި، އިތުރު 2340 އޮފިޝަލުން ބޭނުންވާކަމަށް އެ ކޮމިޝަނުގެ ރައީސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް