ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 12:44
އިމިގްރޭޝަންގެ ފެބްރުއަރީ މަހުގެ ވިސާގެ ތަފާސް ހިސާބު
އިމިގްރޭޝަންގެ ފެބްރުއަރީ މަހުގެ ވިސާގެ ތަފާސް ހިސާބު
އިމިގްރޭޝަން
ވިސާ
ބިދޭސީ މަސައްކަތްތެރިންނަށް މިދިޔަ މަހު 8،000 އަށް ވުރެ ގިނަ ވިސާ ދޫކޮށްފައިވޭ
ފެބްރުއަރީ މަހު 8،733 ވަރކް ވިސާ ދޫކޮށްފައިވޭ
ފެބްރުއަރީ މަހު އެކި ކެޓެގަރީތަކުން ޖުމުލަ 9940 ވިސާ ދޫކޮށްފައިވޭ

މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި މަސައްކަތް ކުރުމަށް 8،000 އަށްވުރެ ގިނަ ބިދޭސީންނަށް ވަރކް ވިސާ ދޫކޮށްފައިވާކަން މޯލްޑިވްސް އިިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ވިސާ ދޫކޮށްފައިވާ ގޮތް ހާމަކޮށް، މޯލްޑިވްސް އިމިގްރޭޝަންގެ ރަސްމީ ޓްވިޓަރގައި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކައް ބަލާއިރު، މިއަހަރުގެ ފެބްރުއަރީ މަހު 8،733 ބިދޭސީ މަސައްކަތްތެރިންނަށް ވިސާ ދޫކޮށްފައިވެއެވެ. މީގެތެރެއިން 8،572 ވިސާ މައި އޮފީހުން ދޫކޮށްފައިވާއިރު، ބާކީ 206 ވިސާ ދޫކޮށްފައިވަނީ އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ، އިމިގްރޭޝަނުގެ ޞަރަޙައްދީ އޮފީސްތަކުންނެވެ.

ވިޔަފާރީގެ އެކި ބޭނުންތަކައް އަންނަ ބިދޭސީންނަށް މިދިޔަ މަހު ޖުމުލަ 759 ވިސާވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، 234 ޑިޕެންޓެންޓު ވިސާ އާއި 71 ސްޓޫޑަންޓު ވިސާ ދޫކޮށްފައިވެއެވެ. އަދި ސްޕެޝަލް ވިސާގެ ގޮތުގައި 44 ވިސާ ދޫކޮށްފައިވާއިރު، އިމިގްރޭޝަނުން ބިދޭސީންނަށް ޚާއްޞަކޮށް ދޫކުރާ އެހެނިހެން ވިސާ ކެޓެގަރީތަކުންވެސް 44 ވިސާ ދޫކޮށްފައިވެއެވެ.

އެހެންކަމުން ފެބްރުއަރީ މަހު މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީންނަށް އެކި ކެޓެގަރީތަކުން ޖުމުލަ 9،940 ވިސާ ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރި ތަފާސްހިސާބުތަކުން އިނގެއެވެ.

- ކޮމެންޓް