ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ މޮނިޓަރިން ކޮމެޓީއާ މަޝްވާރާކުރުމަށްފަހު، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފިއެވެ.
ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބު ފަސްކުރުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ރާއްޖެއެމްވީއަށް އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ ކައުންސިލް އިންތިޚާބު ފަސް ކުރުމާ ގުޅޭގޮތުން ވަރަށް އަވަހަށް މޮނިޓަރިން ކޮމިޓީއާ އީސީން ބައްދަލުކުރާނެ ކަމަށެވެ. އަދި މަޝްވަރާތަކަށްފަހު ގޮތެއް ނިންމާނެ އަކްރަމް ވިދާޅުވިއެވެ. ނަމަވެސް މަޝްވަރާ ބައްދަލުވުން އޮތް ދުވަހެއް އަކްރަމް ހާމައެއް ނުކުރައްވައެވެ.
އިންތިޚާބު ފަސްކުރުމާ ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާނެކަން އަކްރަމް ހާމަކުރައްވާފައިވާއިރު، ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ކަންކަމުގައި ގައުމީ ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބުދަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. ނަމަވެސް މި ބައްދަލުވުމުގައި އިންތިޚާބު ފަސްކުރުމާ ބެހޭ ގޮތުން މަޝްވަރާ ނުކުރާކަމަށް އަކްރަމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ކޮވިޑް-19 ފެތުރެމުންދާތީ ވޯޓު ފޮށި ބަހައްޓާ ގައުމުތައް ނިންމުމުގައި ދެވަނަ ވިސްނުމަކަށް ދިއުމާ ގުޅޭ ގޮތުން ކަމަށް އަކްރަމް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން އިންތިޚާބު ފަސްކުރުން އެއީ އެންމެ ބުއްދިވެރި ގޮތްކަމަށް ޞިއްޙީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ދަނީ އިންތިޚާބު ފަސްކުރަން ގޮވާލަމުންނެވެ. އެކަމަކު އިންތިޚާބު ފަސްކުރަން ނިންމާފައިނުވާ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.