ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 03:32
ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ
ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ
ގެޓީ އިމޭޖަސް
ކޮރޯނާވައިރަސް (ކޮވިޑް-19)
ޔުވެންޓަސްގެ ޑިފެންޑަރު ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
މިއީ ފުޓްބޯޅަ ކުޅުންތެރިއެއް މި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރު

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިޓަލީގެ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 25 އަހަރުގެ ރުގާނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ޔުވެންޓަސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. ޔުވެންޓަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރުގާނީ މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ އައިސޮލޭޝަނަށް ލާފައިވާ ކަމަށެވެ. އަދި މުޅި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަންވެސް މިހާރު ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމު ވަނީ ކަރަންޓީނުކޮށްފައެވެ. އަދި މިހާރު ވަނީ ޔުވެންޓަސްގެ ފަރިތަކުރުންތައްވެސް ހުއްޓާލާފައެވެ.

ޔުވެންޓަސްގެ ކުޅުންތެރިއަކަށް ކޮރޯނާވައިރަސް ޖެހުނުއިރު، އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީން ވަނީ ނިންމާފައެވެ. އިޓަލީގައި ހަލުވިކަމާއެކު ކޮރޯނާ ވައިރަސް ފެތުރެމުން އަންނާތީ އިޓަލީ ސަރުކާރުގެ މި ނިންމުމާއެކު، އޭޕްރީލް ތިނެއްގެ ކުރިން ކުޅެން ހަމަޖެހިފައި އޮތް އިޓާލިއަން ލީގުގެ އެއްވެސް މެޗެއް ކުރިއަކަށް ނުގެންދާނެ އެވެ. އެކަމަކު ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވާ އިޓަލީގެ ކްލަބުތަކާއި، ގައުމީ ޓީމުތައް ކުޅޭ މެޗުތައް ކުރިއަށްދާނެ އެވެ.

އިޓަލީގައި މިހާތަނަށް ކޮރޯނާވައިރަހުގެ 12،000 އަށް ވުރެގިނަ ކޭސް ފެނިފައިވާއިރު ވައިރަހުގެ ސަބަބުން 800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް