ކޮވިޑް-19 ގެ ޢަލާމާތްތަކެއް ހުރިކަމަށް ޝައްކުކުރެވިގެން ކަރަންޓީން ކުރި ށ. ފޯކައިދޫ މީހާއާއި ޔުނިވަރސަލް ޓިކެޓިންގ އޮފީހުން ކަރަންޓީން ކުރި 2 މީހުންގެ ނަތީޖާ ނެގެޓިވް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ށ. ފޯކައިދޫން ގެނައި ފަރާތް އަދި ޔުނިވަރސަލް ޓިކެޓިން އޮފީހުން ގެނައި ފަރާތުގެ ޓެސްޓް ނަތީޖާ ނެގެޓިވް ކަމަށާއި، އެކަމާއި ގުޅިގެން އޮތް ހާސްކަން ފިލާފައިވާ ކަމަށެވެ.
ށ. ފޯކައިދޫން ކަރަންޓީން ކުރީ ކުރެއްދޫ ރިސޯޓްގެ މުވައްޒަފެކެވެ. ކުރެއްދޫ އަކީ ރާއްޖެއިން ކޮވިޑް-19 ގެ ކޭސްއެއް ފުރަތަމަ ޕޮޒިޓިވްވި ރިސޯޓެވެ. އެ މުވައްޒަފު މި ބައްޔަށް ނެގެޓިވްވެފައިވާއިރު، އިތުރު މީހަކު ވެސް އެ ވައިރަސްއަށް ނެގެޓިވްވިކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ޤައުމަށް ދިޔަ ފަހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި އިޓަލީ މީހާއާ ކޮންޓެކްޓްވި، ޔުނިވަރސަލް ޓިކެޓިން އޮފީހުގެ މުވައްޒަފު ކޮވިޑް-19 އަށް ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޖުމްލަ ޓެސްތް ކުރެވުނީ 71 ސާމްޕަލްއެއް. އޭގެތެރެއިން 6 ސާމްޕަލްއެއްވަނި ޕޮޒިޓިވްވެފައި. ސާމްޕަލް ނެގިޓިވްވެފައިވަނި 65 ފަރާތެއް. ނަތީޖަ ނުލިބޭ ސާމްޕަލްއެއް މިވަގުތު ނެތް. ފަރުކޮޅުފުށީގައި ކަރަންޓީންކޮށްފައި ތިބީ 2 މީހަކު އެއީ ބޭރަށް ދަތުރުކޮށްފައި ރާއްޖެއައިމަ 14 ދުވަސް ވަންދެން ބައިތިއްބައިފައި ތިބި 2 ދިވެއްސެއް. އެ 2 މީހުން ވަނީ ދޫކޮށްލެވިފައި. އެހެންކަމުން ކަރަންޓީންގައި މިވަގުތު އެއްވެސް މީހަކު ނެތް. ފަރުކޮޅުފުސީގެ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު 10 މީހަކު އެބަތިބި. ވިލިވަރު އައިސޮލޭޝަން ފެސިލިޓީގައި 9 ފަރާތެއް އެބަތިބި،ކޮވިޑް-19 ގެ ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ބަތަލާ އަދި ރީތިރަށުން 4 މީހަކު އައިސޮލޭޓް ކުރެވުނު އިރު، ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މި ދެ ކޭސްއާއެކު ރާއްޖެގައި 6 މީހަކު ބަޔަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ ކުރެއްދޫ ރިސޯޓުން 4 މީހަކާއެކުއެވެ.
ކުރެއްދޫ ރިސޯޓަށް އެރުމާއި ފޭބުން މަނާކޮށް އޮރެންޖު އެލަރޓް ނެރެފައިވާއިރު އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.
ރާއްޖޭގައި އަރާފޭބުން ވަގުތީ ގޮތުން ހުއްޓާލެވިފައިވަނީ 4 ރަށެއްގައެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓް، އއ. ސޭންޑީޒް ބަތަލާ އައިލެންޑް، އދ. ވިލަމެންދޫ އައިލެންޑް ރިސޯޓް އަދި އއ. ކުރަމަތި މޯލްޑިވްސްއެވެ. މިނޫން އެއްވެސް ރަށަކަށް އަރައިފޭބުން ހުއްޓައިލާފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.