އއ. އަތޮޅުގައި ހިންގަމުން އަންނަ ކުރަމަތި އައިލެންޑް ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކުވި ބިދޭސީއަކު ފެނުމާއި އެކު އޭނާ އައިސޮލޭޝަން އަށް ގެންގޮސް އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތައް ފެނުނު ބިދޭސީ މީހާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އެރިޒޯޓަށް އަރާފޭބުން ވަގުތީގޮތުން ހުއްޓާލެވިފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ.
މި ވައިރަސްއަށް ޕޮޒިޓިވްވީ އެންމެންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިންވެސް އަދި ދުނިޔޭގެ އެހެން ޤައުމަކުންވެސް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. ޕޮޒިޓިވްވީ އެންމެންގެ ޙާލު ރަނގަޅުކަމަށް ސަރުކާރުން މަޢުލޫމާތު ދީފައެވެ.
މުޅި ރާއްޖެ ޔެލޯ އެލަރޓްގައި އޮތްއިރު، މި ބައްޔަށް ޕޮޒިޓިވްވީ ފަރާތްތައް ތިބި ދެ ރިސޯޓު ވަނީ އޮރެންޖް އެލަރޓުގައެވެ. އަދި ދެ ރިސޯޓުންވެސް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ