އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއްކަމަށް ހުށަހެޅުނު އިސްލާހުގެ ބިލް މަޖިލީހުން ފާސްކޮށްފި އެވެ.
މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރ ރޮޒައިނާ އާދަމް އެވެ. ރޮޒައިނާ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ އިޞްލާޙުގައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެއިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެކެވެ.
މި ބިލް ދިރާސާކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. ކޮމިޓީން މިބިލް ދިރާސާކުރުމަށްފަހު ފާސްކޮށްފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެއިދާރީ ދާއިރާއަކުން ނުވަތަ މަގާމަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއް ކަމަށެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ 18 ވަނަ މާއްދާގައި ބުނަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާޠިލު ވޯޓު ކަރުދާހެކެވެ. އަދި މިގޮތުން އެ ކަރުދާހުގައި ޖަހާފައިވާ ކޮންމެ ރަނގަޅު ފާހަގައަކީ ބާޠިލު ވޯޓެކެވެ.
އެހެންކަމުން މިބިލް ރައީސް ތަސްދީގުކުރެއްވުމުން ދެން ބާތިލްވެގެންދާނީ ވޯޓެވެ. އެވޯޓު ލީ ކަރުދާސްކޮޅު ބާތިލްވެގެން ނުދާނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.