ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވަން ނިންމި ޖަޒީރާ ޗެމްޕިއަންޝިޕް ފަސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ނަމުގައި ކުރިން ބާއްވަމުންއައި މި މުބާރާތް ޖަޒީރާ ޗެމްޕިއަންޝިޕަށް ބަދަލުކުރިކަން އިއުލާން ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
މި މުބާރާތް ފެށުން މީގެ ކުރިންވެސް ލަސްވިއިރު، ހޯމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި އެފްއޭއެމުން ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަޒީރާ ޗެމްޕިއަންޝިޕްގެ އެންމެހައި ކަންތައްތައް، މިއަހަރުގެ ރަމަޟާން މަހުގެ ފަހަށް ލަސްކުރެވިފައިވާ ކަމަށެވެ. އެގޮތުން މި މުބާރާތާ ގުޅޭގޮތުން މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުމާއި، 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް މުބާރާތުގެ ގުރުއަތުލުންވެސް ލަސްކުރެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.
ޖަޒީރާ ޗެމްޕިއަންޝިޕް ފަސްކުރަން ނިންމިއިރު، މި މުބާރާތް ކުރިން ރޭވިފައި އޮތް ގޮތުންނަމަ މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ރަށެއްގެ ކައުންސިލުން ރަށު ފެންވަރުގެ މުބާރާތެއް ބާއްވާނެއެވެ. އަދި މައި މުބާރާތުގައި އަތޮޅު ފެންވަރުގައި ތަމްސީލުކުރާނީ ރަށު މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އަދި މި މުބާރާތުގެ ޗެމްޕިއަން ވާދަކުރާނީ ޒޯން މުބާރާތުގައެވެ.
ނަމަވެސް ފަހުން ޖަޒީރާ ޗެމްޕިއަންޝިޕް ވަނީ މިނިވަން ޗެމްޕިއަންޝިޕް ބާއްވަމުން އައި އުސޫލަށް ބަދަލުކޮށްފައެވެ.
ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ފެނުމާއި ގުޅިގެން ޖަޒީރާ ޗެމްޕިއަންޝިޕް ފަސްކުރިއިރު، އެފްއޭއެމުން ވަނީ އެ އިދާރާގެ ހުރިހާ ހަރަކާތްތަކެއް ހުއްޓައިލުމަށްވެސް ނިންމާފައެވެ. އެގޮތުން އެފްއޭއެމްގެ ވައިޑީޕީ ޕްރޮގްރާމްތައްވެސް ހުއްޓާލުމަށް ވަނީ ނިންމާފައެވެ. އެފްއޭއެމްގެ ހަރަކާތްތައް ހުއްޓާލި ނަމަވެސް، ބައެއް މުބާރާތްތައް ކުރިޔަށްދާނެ ކަމަށެވެ. އަދި މުބާރާތްތަކާއި މެދު އިތުރު ގޮތެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާ ގޮތެއްގެ މަތިން ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.