ކ. މާލެ
|
9 މާރޗް 2020 | ހޯމަ 13:03
އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން
އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ތެރެއިން
އޭއެފްޕީ
އޭއެފްސީ ޗެމްޕިއަންސް ލީގު
އޭއެފްސީ ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތައް ފަސްކޮށްފި
އޭއެފްސީ ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތައް ފަސްކުރީ މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ ވެސްޓް ޒޯނުގެ ބައެއް މެޗުތައް ފަސްކޮށްފި އެވެ.

ގިނަ ގައުމުތަކުން ކޮރޯނާ ވައިރަސް މިހާރު ފެނިފައިވާއިރު، ގިނަ ގައުމުތަކުން އަންނަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ކްލަބު ލެވެލްގެ ގިނަ މެޗުތަކެއް ފަސްކޮށްފައިވާއިރު، ބައެއް މެޗުތައް ސަޕޯޓަރުން ނުވައްދައި ކުޅެންވެސް މިހާރު ވަނީ ނިންމާފައެވެ.

މި ވައިރަހާ ގުޅިގެން މި ހަފުތާ ބަންދުގައި އޭއެފްސީން ވަނީ ވެސްޓް ޒޯނުގެ މެމްބަރު ގައުމުތަކުގެ އޮފިޝަލުންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ވެސްޓް ޒޯނުގެ މި ހަފުތާގައި ކުޅެން ހަމަޖެހިފައި އޮތް ބައެއް މެޗުތަކާއި އަންނަ ހަފުތާގެ ބައެއް މެޗުތައް ފަސްކޮށްފައެވެ.

މިއީ އޭފްސީން ވައިރަހާއި ގުޅިގެން މެޗުތައް ފަސްކުރި ފުރަތަމަ ފަހަރެވެ.

މި ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ޔޫރަޕުންވެސް ވަނީ ވައިރަހާއި ގުޅިގެން ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބޮޑު ދެ ލީގު ކަމަށްވާ ފްރެންޗް ލީގާއި އިޓާލިއަން ލީގުގެ މެޗުތައް އަންނަނީ ފަސްކުރަމުންނެވެ. މީގެ އިތުރުން ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސް އާއި މެދު ސުވާލު އުފެދިފައިވާއިރު، މި އަހަރު ބާއްވަން ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތާއި މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު، މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިގެން 3،800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް