Advertisement
ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 12:49
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީންގެ ތަހުގީގު
ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ
ކޮރޯނާވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން، ތަހުގީގު އިދާރާއަށް ރައީސް ޔާމީން ހާޒިރު ކުރައްވާނީ ޖަމީލު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި
މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި
ރައީސް ޔާމީންގެ ދެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުން

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ އެހެން މައްސަލައެއްގެ ތަހުގީގަށް އާދިއްތަ ދުވަހު ފުލުސް އޮފީހަށް ހާޒިރު ކުރާތީ އިދިކޮޅު ބައެއް ފަރާތްތަކުން ނުރުހުން ފާޅުކޮށްފިއެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުވެސް ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއްގެ ތަހުގީގަށް ފުލުހުން އޮފީހަށް ހާޒިރުކުރައްވާފައިވާ ކަމަށް ވެއެވެ. އަދި މިމަހުގެ ފަސް ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ވެސް ފުލުސް އޮފީހަށް ހާޒިރުކުރިކަމުގެ އަޑުއަތެއް ފެތުރުނެވެ.

އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނާއި ހަވާލާދެއްވައި ބައެއް މީޑިއާތަކުގައި ބުނެފައިވަނީ ރައީސް ޔާމީން ގަޑިޔެއްހާއިރަށް ގެޔަށް ބަދަލުކޮށްފައިވާކަމަށާއި، ބަދަލުކުރީ އެމަނިކުފާނު އެދިވަޑައިގަތުމަކަށް ކަމަށްވެސް މިދިޔަ ބުރާސްފަތި ދުވަހު ތަޑުތަކެއް ފެތުރުނެވެ.

Advertisement

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްއަށް ހޮނިހިރު ދުވަހު މިވަނީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ ދެ ބިދޭސީއެއް ޕޮޒިޓިވް ވެފަ އެވެ. އެކަމާ ގުޅުވައިގެން އާދިއްތަ ދުވަހު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރާތީ، އެމަނިކުފާނުގެ ގާނޫނީ ޓީމުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، މުޅި ރާއްޖެއަށް ރޭގައި ލިބުނީ ބޮޑު ސިހުމެއް ކަމަށެވެ.

އެކަކު އަނެކަކަށް ހަމްދަރުދީވާންވީ ވަގުތު މިއީ ކަމަށާއި އެކަމަކު ފުލުހުން އަވަސްވެގަތީ މިއަދު 13:00 އަށް ރައީސް ޔާމީން އަނެއްކާވެސް ތަހުގީގަށް ހާޒިރުކުރަން ކަމަށެވެ. މިއަށްވުރެ މުހިންމު ކަމެއް ހަމަނެތީތޯއޭ ވިދާޅުވެ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ޔާމީން ސަރުކާރުގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ރައީސް ޔާމީން ފުލުހުން ހާޒިރު ކުރައްވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑަރ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއްގައި ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ.

ފުލުހުން ބުނީ ޔާމިނު ފުލުހަށް ހާޒިރުކޮށްފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77,504,912.00 (ހަތްދިހަ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީ އަށް 220,704,546 ރުފިޔާ (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަގައި ކަމަށެވެ.

ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމްއެމްޕީއާރްސީ އިން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1,900,000 ރުފިޔާ (އެއްމިލިއަން ނުވަލައްކަ ރުފިޔާ) ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ވެސް ހިމެނެއެވެ.

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމައްސަލަ މިހާރު އޮތީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައިކޯޓުގައި އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ދަނީ ކުރިއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
8 މާރޗް 2020 | އާދީއްތަ 14:50
ބާއްކޮ
ސިޔާސީ ބަންދެއްގަ ހުރި މީހެއް. ސިޔާސީ ބަދަލު ހިފަނީ ސޭހު އިމްރާނު. ޖަލަށް ވަދެ މަލާމަތްކޮއްފަ ސިމެންތި އަށީގަ ނިންދެވީއޭ ކިޔާފަ ގޮސް ތަހުގީގު ކުރަންވީ ގޮތްވެސް ކިޔާދެނީ އޭނަ. ޙޯމއ މިނިސްޓަރު ބަދަލުކުރަންޖެހޭ. ޢިސްތިގުފާ