އެސްޓީއޯ އިން އާންމުންނަށް ހޭންޑް ސެނިޓައިޒަރ ވިއްކުން މަޑުޖައްސާލައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ އެސްޓީއޯއިން މި ނިންމުން ނިންމާފައިވަނީ ހޭންޑް ސެނިޓައިޒާ އަކީ އިންސްޓިޓިއުޝަންސްތައް އަދި ޚާއްސަކޮށް ހޮސްޕިޓަލް ފަދަ ތަންތަނުގައި ބޭނުން ކުރާ ހޭންޑް ސެނެޓައިޒަރއަށް ވާތީ ކަމަށެވެ. އަދި މިފަދަ ބައެއް ތަކެއްޗަކީ ސީދާ އެ ބޭނުންވާ ފަރާތްތަކަށް ލިބުން އެންމެ މުހިއްމު ތަކެތިކަން އަމްރު ފާހަގަ ކުރެއްވިއެވެ.
ހޭންޑް ސެނިޓައިޒަރ އެސްޓީއޯގައި ލިބެން އެބަހުރި ކަމަށާއި ބައެއް ފަރާތްތަކުން އެއްފަހަރާ ގިނަ އަދަދަކަށް ސެނިޓައިޒަރ ގަނެފިނަމަ އެއްކޮށް ހުސްވެދާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް އަމްރު ވިދާޅުވިއެވެ.
ބައެއް ބޭފުޅުން ގޭގައި ހެންޑް ސެނިޓައިޒަރ ބޭނުންކުރަން ބޭނުންވާ ކަމަށާއި އެހެންނަމަވެސް އޭގެ ބަދަލުގައި ސައިބޯނި ލައިގެން އަތް ދޮވުން ރަނގަޅުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. މީގެ އިތުރުން މާސްކު ވިއްކުން ވެސް އެސްޓީއޯ އިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ ޚަބަރު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފެތުރެން ފެށުމާއެކު ބައެއް އާންމު ފަރާތްތަކުން ފާމަސީ ތަކުގައި ހުރި ގިނަ އަދަދެއްގެ މާސްކް އެއްފަހަރާ ގަނެގެން ގެންގޮސް ބޮޑު އަގުގައި ވިއްކާފައިވާ ކަމަށެވެ. މާސްކް ވިއްކުން ކޮންޓްރޯލް ކޮށްފައިވަނީ އެފަދަ ކަންކަން ދިމާވުމުން ކަމަށް އަމްރު ވިދާޅުވިއެވެ.
ޑޮކްޓަރުންވެސް ލަފާދެއްވާފައިވަނީ އަދި އިލްތިމާސް ކުރައްވާފައިވަނީ ބަލި ޖެހުމުން ނޫނީ މާސްކް ބޭނުން ނުކުރުމަށް ކަމަށް އަމްރު ވަނީ ފާހަގަ ކުރައްވިއެވެ.
ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް މިވަގުތުވެސް މާސްކް އެބަހުރި ކަމަށާއި އިތުރަށްވެސް ގެންނަމުންދާ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެސްޓީއޯ އިން މާސްކު ވިއްކަމުން ދަނީ 2 ރުފިޔާއަށް ކަމަށާއި އެއަށް ވުރެ އަގުބޮޑު ނުކުރާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.