Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 21:58
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާރޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާރޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު
ރައީސް އޮފީސް
އާޒިމާގެ ޝަރީއަތް
އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލްކޮށްފި
އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައިވަނީ މިދިއަ އަހަރުގެ ސެމްޓެމްބަރު މަހުގެ ދެވަނަ ދުވަހު
އާޒިމާއާ ދެކޮޅަށް ހެށަހެޅި ހެކީން ބަލައި ނުގަތުމަށް އޭނާ ވަނީ އެދިފައި
ކުރިން މިމައްސަލަތައް ބެއްލެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރުމާ ގުޅޭ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއަކާއި މަނީ ލޯންޓަރިންގއަށް މަގު ފަހިކޮށްދިނުމުގެ ދައުވާ އެކެވެ. އާޒިމާގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 13:30 އަށެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެންމެފަހުން އެމައްސަލަތަކުގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.

ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވަނީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައެޅުމެވެ. އެގޮތުން އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާގައި ދައުލަތުން ހުށައެޅި ޝަފައީ ހެކިންގެ ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އޭސީސީގެ ކުރީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، ބީއެމްއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޝަރީފު ހިމެނެ އެވެ.

އާޒިމާ ވަނީ އެ ހެކީން ބަލައި ނުގަތުމަށް އެދިވަޑައިގަންނަވާފައެވެ.

އެގޮތުން ރައީސް ޔާމީންގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ފާހަގަ ކުރައްވާފައިވަނީ އެމަނިކުފާނަކީ މަނީ ލޯންޑަރިންގެ ދައުވާ ލިބޭ ފަރާތް ކަމަށާއި އެމައްސަލާގައި ދައުވާ ލިބޭފަރާތްކަމުން އެމައްސަލައިގައި ހެކިބަސް ނުނެގޭނެ ކަމަށެވެ.

Advertisement

މުވައްވިޒު އާއި ލުތުފީގެ ހެކިބަސް ނުނެގޭނެ ކަމަށް ދެކިވަޑައިގަންނަވާ ސަބަބު ކަމަށް އާޒިމާ ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ފައިސާތަކެއް ބޭންކަށް ޖަމާވިކަން އެނގިހުރެ އެކަން ހުއްޓުވާފައި ނުވާތީއެވެ. އެގޮތުން މުއައްވިޒު ވަނީ ލުތުފީއާއެކު ޔާމީނާއި ސުވާލުކޮށްފައިކަމަށާއި އޭނާއަށް އެކައުންޓް ފްރީޒްކުރުމަށް ފުރުސަތުލިބި އެކަން ކޮށްފައި ނުވާތީ އޭނާގެ ހެކިބަސްވެސް ނެގިގެން ނުވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ޝަރީފުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވީ އޭނާއަކީ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު މައުލޫމާތު ދީފައިވާ ފަރާތެއްކަމަށާއި ދޮގުހެކިބަސް ދިނުމުން އެމައްސަލަ ފުލުހުން ބަލަމުންދާތީ އެހެކިބަސް ނުނެގޭނެ ކަމަށެވެ.

ޖަވާބުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ގާނޫނީ ވަކީލު ވަނީ ސަބަބުތަކާއެކު، އެކީންގެ ހެކިބަސް ނުނެގެންވީ ސަބަބެއް ނެތް ނެތްކަން ފާހަގަކުރައްވާފައެވެ.

ޝަރީއަތުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ އެސްކްރޯ އެކައުންޓެއް ހެދުން އެއީ ގާނޫނާއި ޚިލާފު ކަމެއްތޯ އާއި އެސްކްރޯ އެކައުންޓް ހެދުމަށް ލަފާ ދީފައިވަނީ އާޒިމާ އެކަނިތޯއާއި ލަފާ ދިނުމަކީ ކުށެއްތޯ ދައުލަތާއި ސުވާލު ކޮށްފައެވެ. ދައުލަތުން ބުނެފައިވަނީ އެސްކްރޯ އެކައުންޓް ހެދުން އެއީ ގާނޫނާއި ޚިލާފު ކުށެއްކަމެއް ދައުލަތުން ގަބޫލު ނުކުރާކަމަށެވެ. ނަމަވެސް މައްސަލައިގެ ހާލަތަށް ބަލާނަމަ އެއީ ކުށެއް ކަމަށާއި މަނީ ލޯންޑްރިންގެ ގާނޫނުގައިވާ ގޮތުން އެކަން ފޮރުވަން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުށެއް ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާއާ ގުޅިގެން ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ކަންކަން ބަލައިގަތުމާއި ގުޅޭ ގޮތުން ގޮތް ނިންމުމެވެ.

މީގެކުރިން އާޒިމާގެ ދެ ދައުވާ ވެސް ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އެވެ. ހައިލަމްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި، އޭނާ ގާޒީ ކަމުން ވަކިކުރަން ނިންމުމާ ގުޅިގެން ގާޒީ ކަމުގެ މަގާމުން ހައިލަމް ވަނީ އިސްތިއުފާ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް