ކޮވިޓް-19 ނުވަތަ ނޮވެލް ކޮރޯނާ ވައިރަސްގެ އަލާމާތްތައް ފެނިގެން މިވަގުތު 6 މީހަކު ފަރުކޮޅުފުށީގައި ކަރަންޓީންކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ހުކުރު ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ހަ މީހުން އެބަތިބި ކަމަށެވެ. އަދި މީގެ ތެރޭގައި 2 ދިވެހިން ހިމެނޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ 2 ދިވެހިންގެ ތެރޭގައި ހިމެނެނީ އަންހެނަކާއި ކުޑަކުއްޖެއް ކަމަށާއި، ދެން ތިބީ ވ. ތިނަދޫއިން ކޮވިޑް-19 އަށް ޝައްކުކުރެވިގެން ގެނައި އިޓަލީވިލާތުގެ 3 ފަތުރުވެރިންނާއި ޅ. ކުރެއްދޫ ރިސޯޓުގެ މަސައްކަތްކުރާ ޑޮކްޓަރު ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ މި އެންމެންގެ ޓެސްޓްތަކުގެ ނަތީޖާތައް ހޮނިހިރު ދުވަހު ލިބޭނެ ކަމަށާއި، ޓެސްޓް ނަތީޖާތަކަށް ބެލުމަށްފަހު ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނިއްޖެނަމަ ޑަބްލިއުއެޗްއޯއިން އަމަލުކުރުމުން އަންނަނީ 14 ދުވަސް ވަންދެން އެމީހަކު ކަރަންޓީންކޮށް ބަލީގެ އަލާމާތެއް ފެނޭތޯ ބަލާ ޓެސްޓްކުރުމެވެ.
ވ. ތިނަދޫއަށް ދިޔަ އިޓަލީވިލާތުގެ 3 ފަތުރުވެރިންގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިވާތީ އާއި، ކުރެއްދޫ ރިސޯޓަށް ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަ ފަހުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ދެ ރަށް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ބަލަންޖެހޭ ކަންކަން ބަލާ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން އަދި ވަކި އެއްޗެއް އަންގަންދެން އެ ދެ ރަށަށް މީހުން އެރުމާއި ފޭބުން ވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.