ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބްރޫނާއީ ދާރުއްސަލާމަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ސުލްތާން ހަސަނުލް ބޮލްކިއާ މުޢިއްޒުއްދީން ވައްދައުލާގެ އަރިހަށް މިނިސްޓަރ ޝާހިދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ.
އޭގެއިތުރުން، ބްރޫނާއީގެ ފޮރިން މިނިސްޓަރ ދާތޯ ސެރީ ސެތިއާ ހާޖީ އެރީވަން ބިން ޕެހިން ދާތޫ ޕެކަރިމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފް އާއި، އެޑިއުކޭޝަން މިނިސްޓަރ ޔަންގް ބަރްހޯމާތު ދާތޯ ސެރޯ ސެތީ އަވަން ހާޖީ ހަމްޒާ ބިން ހާޖީ ސުލައިމާން އަދި ހެލްތު މިނިސްޓަރ ދާތޯ ސެރީ ސެތިއާ ޑރ ހާޖީ މުހައްމަދު އިޝާމް ބިން ހާޖީ ޖަފާރް އާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ބައްދަލުކުރެއްވުންތަކުގައި ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ބްރޫނާއީއަށް މިނިވަންކަން ލިބުނުފަހުން ދެޤައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އެގޮތުން 1987 ވަނަ އަހަރު ބްރޫނާއީގެ މިނިވަންކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފައިވާއިރު، މާލޭގައި ހުންނަ އިސްލާމީ މަރުކަޒު ބިނާކުރުމަށް ބްރޫނާއީއިން 3 މިލިއަން ޑޮލަރުގެ އެހީ ދީފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، 1999 ވަނަ އަހަރުން ފެށިގެން ރާއްޖެ-ބްރޫނާއީ ގުޅުމަށް ދޭން ޖެހޭ މިންވަރަށް އަޅާލުން ދެވިފައި ނުވާ ކަމަށާއި، އެގޮތުން މިދިޔަ 21 އަހަރުގެ ތެރޭގައި ދެޤައުމުގެ މަތީ ލެވެލްގެ އެއްވެސް ބޭފުޅަކު އެއް ޤައުމުން އަނެއް ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ނުވާ ކަމަށެވެ.