ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާތައް ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ފައިނަލް ޑްރާފްޓް މަސް ނިމުމުގެ ކުރިން ތައްޔާރުވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ބޭއްވި ރ. އަތޮޅުގެ ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލި ކޮމިޝަންގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައިކަމަށެވެ. އެގޮތުން އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ފުރަތަމަ ޑްރާފްޓް މިދިޔަ ހަފްތާގައި ލިބިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑާއި ހިސާބަށް ފުރަތަމަ ޑްރާފްޓް އެބައޮތް މީގެ ހަފްތާއެއް ކުރިން ފޮނުވާފައި. އިރާދަކުރެއްވިއްޔާ މި މަސްތެރޭގައި އަޅުގަނޑު މިބަލަނީ އޭގެ ފައިނަލް ޑްރާފްޓް ކޮމިޝަނުން ތައްޔާރު ކުރުމާއި އެކީގައި އެއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ތިބޭފުޅުންނަށް ހާމަކުރަންޖެހޭ ކަންތައްތައް އަޅުގަނޑު ހާމަކުރާނަން.ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ސޯލިހު ވިދާޅުވީ މި މަރޗް މަހުގެ ތެރޭގައި ފައިނަލް ޑްރާފްޓް ތައްޔާރުވާނެ ކަމަށެވެ. އަދި ފައިނަލް ޑްރާފްޓް ކޮމިޝަނުން ތައްޔާރު ކުރުމާއިއެކު، އެއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި ހާމަކުރަންޖެހޭ ކަންތައްތައް ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވާފައިވަނީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުއެވެ.