ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 18:57
ޓީސީ އާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން
ޓީސީ އާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
އެފްއޭ ކަޕް
ބޮޑު ތަފާތަކުން އޭދަފުށި ބަލިކޮށް ޓީސީ ސެމީއަށް
އޭދަފުށި އަތުން ޓީސީ މޮޅުވީ 13-0 އިން

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ކްލަބު އޭދަފުށި ބޮޑު ތަފާތަކުން ބަލިކޮށް، ސެމީ ފައިނަލަށް ޓީސީ ސްޕޯޓްސް ކްލަބު ދަތުރުކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުން ޓީސީ މޮޅުވީ 13-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ޓީސީގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ ހެޓްރިކް ހަދާފައެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗު ފަށައިގެން 10 ވަނަ ސިކުންތުގައެވެ.

ދެން މި މެޗުގައި ޓީސީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ހަތަރު ލަނޑު ޖެހިއިރު، އެޓީމުގެ ބިދޭސީ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓްވެސް ވަނީ ހެޓްރިކެއް ހަދާފައެވެ. ދެން މި މެޗުގައި ޓީސީގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި އިސްމާއިލް އީސަ (މެސީ) އާއި އަހުމަދު ފައްރާހެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗާ ކުރިމަތިލީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅެއް ހޯދުމަށް ނޫން ކަމަށާއި، ނަމަވެސް މެޗުން ލިބުނު މޮޅާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މެޗުގެ ސަބަބުން ކުރިއަށް އޮތް އޭއެފްސީ ކޕް މެޗަށް ފައިދާތަކެއް ކުރާނެ ކަމަށްވެސް ބުންނެވެ.

އޭދަފުށީގެ އެސިސްޓަންޓް ކޯޗު އަބްދުލް މަޖީދު ހަސަން ބުނީ މި މުބާރާތުގައި މުޅިން އަލަށް އޭދަފުށި ވާދަކުރިއިރު، މި މެޗުގައި އެޓީމުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި މި މެޗުގައި އެހާ ތަފާތު ބޮޑު ނަތީޖާއެއް ނުކުތީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ވަނުމުން ކަމަށާއި، އަދި ގައުމީ ފުޓްބޯޅަ ދަނޑަށް ކުޅުނތެރިން އާވުމުގެ ސަބަބުން އެކަމުގެ އަސަރުވެސް ކުރި ކަމަށެވެ.

މިފަހަރުގެ އެފްއޭ ކަޕްގައި މުޅިން އަލަށް ކްލަބު އޭދަފުށި ވާދަކުރިއިރު، މުބާރާތާ ކުރިމަތިލި އޭދަފުށި ޓީމުގެ ސްކޮޑުގައި ހިމަނާފައިވަނީ މުޅިންވެސް އޭދަފުށީގެ ކުޅުންތެރިންނެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ އެންމެ ދުވަސްވީ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްއޭ ކަޕް ބުރާސްފަތި ދުވަހު ފެށިއިރު، ބުރާސްފަތި ދުވަހުގެރޭ ކުޅޭ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު ގްރީން ސްޓްރީޓްސް އެވެ.

1988 ވަނަ އަހަރު ފެށި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް