ޖުމްހޫރީ ޕާޓީން "ދީނާއި ގައުމުގެ ދިފާއުގައި" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަނެއް ދެ ޕާޓީ ކަމަށްވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަދި އަދާލަތު ޕާޓީ ދައުވަތު ދީފި އެވެ.
ޖޭޕީން ބުރާސްފަތި ދުވަހު އެޕާޓީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ޖަލްސާގެ ކަންކަން އިންތިޒާމު ކުރުމުގެ ޓާސްކްފޯހުގެ އިސްކޮށް އުޅުއްވާ އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވީ، ހައްގުވާ މިންވަރު "ރަނުންރަނަށް" ދޭނެ ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމަށެވެ. އެހެންކަމުން ޖޭޕީން ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވުމުގެ ހާއްސަ ދައުވަތު އެމްއާރުއެމްއަށާއި އަދާލަތު ޕާޓީއަށް އަރުވާ ކަމަށް ނިހާނު ވިދާޅުވި އެވެ.
ސަރުކާރު ކޯލިޝަނުގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އަދި އެމްއާރުއެމް އެވެ.
ނިހާން އެއިޝާރާތް ކުރެއްވީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދާދި ފަހުން ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އިންރާން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން އަދާލަތު ޕާޓީއަށް ހައްގުވާ މިންވަރު ލިބެންޖެހޭނެ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ޖޭޕީގެ މިނޫސްވެރިންގެ ބައްދަލުވުމުގައި މުޅިންވެސް ތިއްބެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ މެމްބަރުން ނެވެ. އޭގެ ތެރޭގައި ނިހާނަކީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ފެއިލްވުމާހަމައަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އެވެ. ދެން ހުންނެވި ރިޔާޒު ރަޝީދަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ނައިބު ލީޑަރެވެ. އަލީ އާރިފަކީ ޕީޕީއެމްގެ ސްޕޯކްސް ޕާސަން އެވެ. ދެން ހުންނެވި އިލްހާމު އަހުމަދަކީ، ޖުމްހޫރީ ޕާޓީގައި ކުރިންވެސް އުޅުއްވުމަށްފަހު، ޕީޕީއެމަށް ވަޑައިގެންނެވި މެމްބަރެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލިސް މެމްބަރުކަމުން ވަކިވެފައިވާ ކަމަށް ނިހާނުމެން ވިދާޅުވަމުން ގެންދެވި 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރެކެވެ.