ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ކޭޓީ ޕެރީ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފިއެވެ.
2019 ވަނަ އަހަރު ކުރީކޮޅު ކޭޓީ އާއި އިނގިރޭސިވިލާތަށް ނިސްބަތްވާ ފިލްމީތަރި، އޮލެންޑޯ ބްލޫމްއާ ކައިވެނިކުރަން އެންގޭޖްވެފައިވާއިރު، ކޭޓީ ބަލިވެއިންކަން އިއުލާންކޮށްފައިވަނީ މިދިޔަ ރިލީޒްކުރި އޭނާގެ "ނެވަރ ވޯން ވައިޓް" ލަވައިގެ ވީޑިއޯގައެވެ.
އެ ވީޑިއޯ ނިމުމުގެ ކުރިން ކޭޓީގެ ބަނޑުގެ މަންޒަރެއް ފެނިގެންދާއިރު، ރިލީޒްކުރުމަށް ފަހު ވާހަކަ ދައްކަމުން ކޭޓީ ބުނީ "މިއީ މިހާތަނަށް ހަޔާތުގައި ސިއްރު ކުރަން އެންމެ އުނދަގޫވި ކަންތައް" ކަމަށެވެ.
މިއީ ކޭޓީގެ ފުރަތަމަ ދަރިފުޅެވެ. އަދި އޮލެންޑޯގެ ދެވަނަ ދަރިފުޅެވެ. އޭނާގެ ކުރީގެ ކައިވެންޏަކަށް ފިރިހެން ކުއްޖެއް ހުރެއެވެ.
ކޭޓީވެސް ކުރިން ކައިވެނިކޮށްފައިވާއިރު، އެއީ އިނގިރޭސިވިލާތުގެ މަޝްހޫރު ކޮމީޑިއަންއެއް ކަމަށްވާ ރަސަލް ބްރޭންޑްއާއެވެ. ދެ މީހުން 2010 ވަނަ އަހަރު ކައިވެނިކޮށްފައިވާއިރު، 2012 ވަނަ އަހަރު ވަރިވިއެވެ.
'ލޯޑް އޮފް ދަ ރިންގްސް'ގެ ފިލްމްތަކުން ފެންނަ އޮލެންޑޯ އާއި އޮސްޓްރޭލިއާއަށް ނިސްބަތްވާ މަޝްހޫރު މޮޑެލް، މިރެންޑަރ ކަރ ކައިވެނިކޮށްފައިވަނީ 2010 ވަނަ އަހަރެވެ. އަދި 2013 ވަނަ އަހަރު ވަރިވިއިރު، ދެ މީހުންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައެވެ.
35 އަހަރުގެ ކޭޓީއާއި 43 އަހަރުގެ އޮލެންޑޯ ފުރަތަމަ ދިމާވެފައިވަނީ 2016 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސްއަށް ފަހު އޮތް ޕާޓީއެއް ތެރެއިންނެވެ. އަދި އެއަށްފަހު ރަށްޓެހިވުމަށް ފަހު، 2017 ވަނަ އަހަރުގެ މާޗް މަހު ދެ މީހުން ރުޅިވިއެވެ. އެހެންނަމަވެސް، އަނެއްކާވެސް އެ އަހަރުގެ ޑިސެމްބަރު މަހު ދެ މީހުން އެކުގައި ޖަޕާނުގައި ޗުއްޓީ ހޭދަ ކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ފެތުރުނެވެ.