ރާއްޖެއިން ބޭރުން ލިބޭ އެހީގެ ކަންކަން ބެލެހެއްޓެވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އެކުލަވާލައްވާފައިވާ އެއިޑް މެނޭޖްމަންޓް އެންޑް ކޯޑިނޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
ފޮރިން މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. މިއީ ބޭރު ޤައުމުތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ރާއްޖެއަށް ލިބޭ އެހީގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ބަލަހައްޓަން އެކުލަވާލާފައިވާ ކޮމިޓީއެކެވެ. ކޮމިޓީގައި ހިމެނެނީ އެހީ ހޯދުމުގެ އެންމެ އިސް ރޯލެއް އަދާކުރާ ފޮރިން މިނިސްޓްރީއާއި، ރައީސް އޮފީހާއި އެހީގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ އެކި މަރުޙަލާތަކުގައި ބައިވެރިވާ ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ މަންދޫބުންނެވެ.
ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވަނީ ރާއްޖެއަށް ބޭރުގެ އެހީ ހޯދުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވާ، އަދި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ލިބުނު ދެ ބިލިއަނެއްހާ ރުފިޔާގެ ހިލޭ ހޯއްދެވި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެހީގެ ކަންކަން ވިލަރެސްކޮށް، ބަލަހައްޓާނެ ކޮމިޓީއެއް ރައީސް ޞާލިޙު އުފެއްދެވީ ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދެވުމަށްކަމަށެވެ.
ގުޅިގެން މާބޮޑު މަސައްކަތްތަކެއް ކުރުމެއް ނެތި ކުރީ ސަރުކާރުން އެކިއެކި ކުންފުނިތަކުންނާއި ސަރުކާރުގެ އެކި އިދާރާތަކުން ބޭރުގެ އެކި ފަރާތްތަކުން ލޯނުތައް ނެގުމުގެ ސަބަބުން ދައުލަތުގެ ދަރަނި ވަރަށް ބޮޑުތަނުން ބޮޑުވިއެވެ.