ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 11:41
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގދ. ގައްދޫގައި ވާހަކަފުޅު ދައްކަވަނީ
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގދ. ގައްދޫގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
މަސްވެރިކަމުގެ ސިނާއަތް
މަސް އެކްސްޕޯޓްތަކަށް ޔޫރަޕުން ނަގާ ޑިއުޓީ ނެގުން ހުއްޓުވާނަން: ޝާހިދު
ޔޫރަޕުގެ ބާޒާރަކީ ރާއްޖެއިން އެންމެ ގިނައިން މަސް ބޭރުކުރާ ބާޒާރު
ރާއްޖެއަށް ދީފައިވާ ޑިއުޓީ ފްރީ ސްޓޭޓަސް ކަނޑާލާފައި ވަނީ 2011 ވަނަ އަހަރު
ޑިއުޓީ ކަނޑާލުމުން މަސްވެރިންނަށް ފައިދާވާނެ: މަސް ބޭރުކުރާ ކުންފުނިތައް

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން، ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުގެ ބާވަތްތަކާއި އުފެއްދުންތަކުން ނަގާ ޑިއުޓީ ނެގުން ހުއްޓުވާނެކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް ކެމްޕެއިން" ރެލީއެއްގައި ވާހަކަދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ، ޔޫރަޕުގެ އިއްތިހާދާއެކު ކުރެވޭ މަޝްވަރާތަކުގެ ނަތީޖާ ފެންނާނެ ކަމާމެދު އެއްވެސް ބޭފުޅަކު ޝައްކުކޮށްގެން ނުވާނެ ކަމަށެވެ.

ޔޫރަޕުގެ ބާޒާރަކީ ރާއްޖޭގެ މަސް އެކްސްޕޯޓުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ ބާޒާރެވެ. އަދި ޔޫރަޕުގެ ޤައުމުތަކުން ރާއްޖެއަށް ދީފައިއޮތް ޑިއުޓީ ފްރީ ސްޓޭޓަސް އުވާލުމަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގައި ކުރިމަތި ވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް، މަސް ބޭރުކުރާ ރާއްޖޭގެ ކުންފުނިތަކުން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ދާދިފަހުން މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކާއި އެހެނިހެން މަސްއޫލުވެރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމުން ވަނީ، ޔޫރަޕުން ނަގާ ޑިއުޓީ ކަނޑާލުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް ކަމަށް ފާހަގަކޮށްފައެވެ.

މިހާރު އޮތްގޮތަށް ބަލާނަމަ، ޔޫރަޕުގެ އިއްތިހާދަށް ނިޞްބަތްވާ ޤައުމުތަކުން އަންނަނީ ރާއްޖެއިން ބޭރުކުރާ މަހުގެ ބާވަތްތަކާއި އުފެއްދުންތަކުން 24 އިންސައްތައިގެ ޑިއުޓީއެއް ނަގަމުންނެވެ. މި ޑިއުޓީ ނަގަން ފަށާފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގައި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް އެރުމާއި ގުޅިގެންނެވެ.

- ކޮމެންޓް