ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ދިއުމުގެ ކުރިން ވޯޓު ބާޠިލުވާގޮތް ކަށަވަރު ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބަށް މާލޭސިޓީން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ގުރުއަތު ނެގުމަށް ބުދަ ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބައި ބެހޭ މަރުކަޒުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އީސީގެ ފަރާތުން އެކަން ވަރަށް ބޮޑަށް ކަށަވަރު ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށެވެ. އެގޮތުން ވޯޓް ބާޠިލުވާނެ ގޮތުގެ މަޢުލޫމާތު އެކިގޮތްގޮތުން ފޯރުކޮށްދެއްވަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ ވުޒާރާތަކުގެ ރިސެޕްޝަނުން ވޯޓް ބާތިލްވާގޮތުގެ ލީފްލެޓް ރިސެޕްޝަނުން ޚިދުމަތް ހޯދަން ދާ ފަރާތްތަކަށް ދެވޭނެ.ކުންފުނިތަކުގައި ފެނަކަ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ މި ބިލް ތަކާއި އެކުގައި ގެތަކަށް ފޮނުވުން. އަދި މާލޭގެ ތަފާތު ސަރަހައްދުތަކުގައި ވޯޓް ބާތިލްވާ ގޮތުގެ ލީފްލެޓް ބަހާނަން.އީސީގެ ރައީސް އަހުމަދު ޝަރީފް
މީގެއިތުރުން ރަށްރަށުގައި ފޯކަލްޕޮއިންޓްތައް މެދުވެރިކޮށް ކޮންމެ ގެއަކަށް ވޯޓް ބާޠިލުވާ ގޮތުގެ ލީފްލެޓެއް ފޮނުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގައި މި ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު ބޭއްވިގެން ދަނީ މީގެކުރިން ތަޖުރިބާ ކޮށްފައި ނުވާ ގޮތަކަށް ކަމަށެވެ.
މިފަހަރު މިހާބޮޑަށް މިކަން މިކުރާ ސަބަބަކީ ވޭތިވެދިޔަ އިންތިޚާބުތަކުގައި ވޯޓް ކަރުދާސްކޮޅާކީ އެންމެ ކަރުދާސްކޮޅެއް . މިފަހަރަ އަޅުގަނޑުމެންނަށް އެއް ވޯޓް ކަރުދާހެއްގައި ހަތަރު ވޯޓް އެބައޮވޭ.އީސީގެ ރައީސް އަހުމަދު ޝަރީފް
އިތުރަށް ޝަރީފް ވިދާޅުވީ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ އިޞްލާޙަކީ ވަރަށް ރަނގަޅު އިޞްލާޙެއް ކަމަށާއި އެ އިޞްލާޙަށް އީސީންވެސް ތާއީދު ކުރައްވާކަމަށެވެ.
ވީ އެންމެ އަވަހަކަށް އެ އިސްލާހު ފާސްކޮށްދެއްވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.
އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެއްގެ ގޮތުގައި ކަނޑައެޅުމަށް ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރ ރޮޒައިނާ އާދަމްއެވެ.
ރޮޒައިނާ އިޞްލާޙު ހުށަހަޅުއްވަފައިވަނީ މި ޤާނޫނުގެ 18 ވަނަ މާއްދާއަށެވެ. އެގޮތުން ރޮޒައިނާ ހުށަހަޅުއްވާފައިވާ އިޞްލާޙުގައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 56 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން އެ ކައުންސިލަކަށް އެއިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލު ވޯޓެކެވެ.
ރޮޒައިނާ މި އިޞްލާޙު ހުށަހެޅުއްވި ސަބަބެއްކަމަށް ބަޔާން ކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާސް ކޮޅުތަކުގައި، އެއް ކަރުދާހެއްގައި 1 މަޤާމަށްވުރެ ގިނަ މަޤާމުތަކަށް މީހުން އިންތިޚާބުކުރުމަށް ވޯޓުލާ ޙާލަތެއްގައި އެއް ވޯޓު ބާޠިލުވުމުން ދެން ހުރި ވޯޓުތައްވެސް ބާޠިލުވެދާނެ ޙާލަތެއް ކުރިމަތިނުވާނެ ގޮތަކަށް ޤާނޫނު ބައްޓަންކުރުމެވެ
އަޅުގަނޑުމެންނަށް ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްވޭނެ ވަގުތު އޮއްވާ އެކަން ކޮށްދެއްވާށެވެ. އޭރުން އަޅުނޑުމެންނަށް ކެނޑިޑޭޓުން މެދުވެރިކޮށާއި ސިޔާސީ ޕާޓީތައް މެދުވެރިކޮށް އަދި ޖަމުއިއްޔާ ޖަމާތްތައް މެދުވެރިކޮށް އއކަމަށް އާންމުން ހޭލުންތެރިކޮށްދެވޭނެއީސީގެ ރައީސް އަހުމަދު ޝަރީފް
ކެނޑިޑޭޓުންވެސް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މި އިންތިޚާބައި ބެހޭ ކަންކަން ވޯޓުލާން އަންނަ ފަރާތްތަކަށް އޮޅިދާނެހެން ހީވާ ކޮންމެ ކަމެއް ކެމްޕޭން ތެރޭގައި އޮޅުންފިލުއްވައިދެއްވުމަށް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.