ދިވެހިންގެ ގިނަ ވަޒީފާތައް އޮތީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ކަމަށާއި، މިނިމަމް ވޭޖް ކަނޑައަޅާނީ އެ ވިޔަފާރިތައް ހަލާކުނުވާ އުޞޫލަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް، ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަކީ މުޅި ދިވެހިރާއްޖޭގެ އިޤުތިޞާދަށް އެކިއެކި ބަދަލުތަކަށް އަންނާނެ ކަމެއް ކަމަށެވެ. މިކަމުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހެޔޮ އަސަރުތަކެއް ނުވަތަ ނުބައި އަސަރެއް ވެސް ކޮށްފާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އަމިއްލަ އެއްވެސް ޚިޔާލެއް ނުވަތަ ރަޢުޔުއެއްނެތް ކަމަށާއި، ބޭނުންވަނީ ވިޔަފާރިތައް ވެސް ހަލާކުނުވާވަރުގެ އެއްޗަކަށް މިނިމަމް ވޭޖްވުން ކަމަށެވެ. ދިވެހިންގެ ގިނަ ވަޒީފާތައް އޮތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގައިކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޚާއްޞަ ގޮތެއްގައި މި ވިޔަފާރިތަކަށް ބަލާނެ ކަމަށާއި، އެ ވިޔަފާރިތަކަށް ވެސް ގެއްލުން ނުވާނެހެން މިނިމަމް ވޭޖް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި އެކަނޑައެޅޭ ޢަދަދުން މުސާރަ ނުދެވޭކަމަށްވަނީ ނަމަ ގެއްލިގެންދާނީ ވަޒީފާތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިޔަފާރިއަކީ ރިސްކުގައި ކުރާކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެންކަމަށްވަންޏާ އަޅުގަނޑުމެން އެވެސް ކޮންސިޑަރ ކުރަންޖެހޭނެ އެބޭފުޅުންނަށް އެންމެ ކުޑަ އުޖާރަކަށް ދެވިދާނެތޯ ނުވަތަ ނޫންތޯ. އެހެން ނޫން ކަމަށްވަނީ ނަމަ ވަޒީފާތައް ގެއްލިގެން ވެސް ހިނގާދާނެ. ޝޯޓްޓާމްގެ ބޮޑު ގެއްލުމެއް. ނަމަވެސް ލޯންގްޓާމްގައި އެޑްޖެސްޓްވެ ރަނގަޅު ބަދަލުތަކެއް އަންނާނެ. އެހެންނަމެވެސް ކުއްލިއަކަށް އަޅުގަނޑުމެން މިކަންކުރާއިރުގަ އޭގެ ނެގެޓިވް އިމްޕެކްޓްއަށް ބަލާލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މުހިންމު ކަމެއް.އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
މިނިމަމް ވޭޖް ކަނޑައަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް މިކަން ކުރަން ލަސްވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިއީ އެއްދުވަހުން ނުވަތަ ދެ ދުވަހުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ވެސް މިނިމަމްވޭޖްގެ މަޝްވަރާތައް ކުރެވުނު ކަމަށާއި، އެދުވަހު މިކަންކުރި ނަމަ މިއަދު މިއުދަނގޫތަކާ ކުރިމަތިލާން ނުޖެހޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބައިވަރު ބަދަލުތަކެއް ދިވެހިރާއްޖެއަށް އަންނައިރުގައި މިނިވަންވޭޖް އިންކަމްޓެކްސް އަދި އެކަހަލަ އެތައް ބައިވަރު ބަދަލުތަކެއް މިގެންނަނީ. އެއީވެސް އޭގެ ޒާތުގައި މުޅި ދިވެހިރާއްޖެއަށް ހުރި ޗެލަންޖަސްތަކެއް. ކުރިން އަޅުގަނޑުމެން މިވާހަކަތައް ދައްކަން ފެށި މީގެ ވިއްސަކަށް އަހަރު ކުރިން. އޭރު މިނިވަން ވޭޖަކާ ހިސާބަކަށް އާދެވުނު ނަމަ މީހުންގެ ސިކުޑިތަކުގައި ވެސް އެހަރުލާފަ ހުންނާނެ. އަދި މަޑުމަޑުން އެއިރެއްގެ ހާލަތުގައި ގުޅޭ ގޮތަކަށް ބަދަލުވެގެން އަންނާނެ . މިއަދު އަލަށް އަޅުގަނޑުމެންނަށް ތައާރަފް ކުރަން މިޖެހެނީ. ޖެހޭއިރު އަޅުގަނޑުމެންގެ ހަރަދުތަކާއި ވަރަށް ގިނަ ކަންތައްތައް މިއޮތީ ކުރިއާ ވަރަށް ބޮޑަށް ތަފާތުވެފައި.އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
މިނިސްޓަރު ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޝްވަރާއާއެކު ހަދާފައިވާ މުހިންމު ދިރާސާތަކުގެ އަލީގައި ކަމަށެވެ. އަދި މިނިމަމްވޭޖްގެ ބޯޑުން މަސައްކަތް ކުރަނީ ފުރިހަމަ މިނިވަންކަމާއެކުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.