Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 15:19
މެމްބަރު މުޣުނީ: އިގްތިޞާދީ ކޮމެޓީގެ ބައްދަލުވުމެއްގައި
މެމްބަރު މުޣުނީ: އިގްތިޞާދީ ކޮމެޓީގެ ބައްދަލުވުމެއްގައި
ޔޫސުފް ސޮފްވާން ރަޝީދު
ކޮރޯނާ/ މަޖިލިސް
ކޮވިޑް-19 އާގުޅިގެން މެންބަރު މުޣުނީ ދެއްކެވުނު ވާހަކަތަކަށް އޭނާ މަޢާފަށް އެދެފި
މުޣުނީ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން ކަމަށް
މަޖިލީހުގެ ނައިބު ރައީސް، އީވާ އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ވަނީ، އަނިޔާވެރިވާ ވާހަކަތައް ނުދެއްކުމަށް އެދިލައްވާފަ
ކުއްލި މައްސަލަ ހުށަހެޅީ ކާޑުގެ ބާވަތްތައް ހުސްވެދާނެ ކަމަށް ބުނެ

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19)އާއި ގުޅިގެން ރާއްޖެއަށް އެ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުކަށް ފާހަގަކުރައްވާ، ކާޑުގެ ދަތިކަން ރާއްޖެއަށް ފޯރާނެކަމަށް ފެންނާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާއި އަދި އިދިކޮޅު ބައެއް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ދެއްކެވި ވާހަކަތަކަށް އޭނާ މަޢާފަށް އެދިވަޑައިގަންނަވައިފި އެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެކަމަށް ފެންނާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

Advertisement

އެމައްސަލައަށް ބަހުޘްކުރައްވަމުން މުޣުނީ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއިން ކާމިޔާބު ކުރާނީ އިދިކޮޅު މެންބަރުން ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން ކަމަށެވެ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުވަދު އަތޮޅު ދަތުރު މިފަށަނީ، ހަމަ މިވައިރަސްގެ މައުލޫމާތު ދީގެން، މިވައިރަސްއަށް ބޭނުންވާ ބައެއް ފަރުވާ ހިފައިގެން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުވަދު އަތޮޅަށް މިދަތުރުކުރަނީ ފަރުވާ ހިފައިގެން، ސާފު ތާހިރުކަމަށް ބޭނުންވާ މައުލޫމާތާއި ހުރިހާ އެއްޗެއް ހިފައިގެން. އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނީ ތިބޭފުޅުން ކޮރޯނާ ވައިރަސްގަ ޖައްސާ ބައިތިއްބާފަ،
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ

ޝަރީފް ހުށަހެޅުއްވި އެ ކުއްލި މައްސަލައަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން މުޣުނީ ވިދާޅުވީ، ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި އިދިކޮޅު މެންބަރުން އުޅެނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި ކޮރޯނާ ވައިރަސް ބިރު ދައްކައިގެން ކުރިއަށް ދާން ކަމަށާއި އެ ފުރުޞަތު ނުދެވޭނެ ކަމަށް މުޣުނީ ވިދާޅުވި އެވެ.

އެގޮތަށް މުޣުނީ ވިދާޅުވުމާއެކު، އިދިކޮޅު މެންބަރުންނާއި އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވަނީ އެފަދަ އަނިޔާވެރި ވާހަކަތައް ނުދެއްކުމަށް މަޣުނީއަށް ނަޞޭޙަތްތެރިވެފަ އެވެ.

އެގޮތުން އެވަގުތު ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ބިލުތަކާއި ޤަރާރުތަކާއި ކުއްލި މައްސަލަތަކަށް ކިތަންމެ ވަރަކަށް ބަހުޘްކޮށް ޚިޔާލު ފާޅުކުރެއްވިދާނެ ކަމަށާއި، ނަމަވެސް އެއްވެސް ބަޔަކަށް އަނިޔާވެރިވާ ފަދަ ވާހަކަތަކަކީ އެއީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި މުޣުނީ އެކަމަށް މަޢާފަށް އެދިވަޑައިގެންފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

ހަމައެގޮތަށް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވެސް ވިދާޅުވީ މުޣުނީގެ އެވާހަކަތަކަށް އޭނާ މަޢާފަށް އެދިވަޑައިގެންފައިވާ ކަމަށާއި އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ޙައިޞިއްޔަތުން އޭނާވެސް އެކަމަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީ މެންބަރުން ތުހުމަތު ކުރައްވަނީ އެއީ އިދިކޮޅު މެންބަރުން އިންތިޚާބަށް ހުރަސް އަޅަން ކުރާނެ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދަވަނީ ރާއްޖެ ކޮރޯނާ ވައިރަހަށް ތައްޔާރުވެފައި ނުވާ ކަމަށާއި އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމަކީ ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމަށެވެ.

ކޮރޯނާ މައްސަލައަށް ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރާއްޖެއަށް ކޮރޯނާ ވައިރަސް ނާންނާނޭ ބުނާ ބުނުން ހިތްތަކަށް ވައްދަން މަސައްކަތް ކުރުމަކީ ޤަބޫލު ކުރަން ދަތި ކަމެއް ކަމަށާއި ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދުނިޔޭގައި އުޅޭ މިފަދަ ވައިރަސްތަކާއި ބަލިތައް ދުނިޔޭގެ ހުރިހާ ޤައުމުތަކަށް ދާއިރު، ރާއްޖެ ނާންނާނެކަމަށް ޤަބޫލުކޮށްގެން ތިބެން ހެޔޮނުވާނެ ކަމަށާއި، ރައްކާތެރިކަމާއި ސާފު ތާހިރުކަންމަތީ ތިބުމަށް ރައީސް ނަޝީދުވަނީ އެދިލައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް