Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 14:02
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށް އައު ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދޭން މަޖިލީހުން ފާސްކޮށްފި
މިކަން ފާސްކޮށްފައިވަނީ 59 މެމްބަރުންގެ ވޯޓުން
މިއީ މިމައްސަލައިގައި އޮޑިޓަރ ޖެނެރަލް އެކުލަވާލި ރިޕޯޓް މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދާ އައު ސީޕްލޭން ޓާމިނަލް، ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) އަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ އެމްއޭސީއެލްގެ ސީޕްލޭން ޓަރމިނަލް ކުއްޔަށްދިނުމާ ގުޅޭ ޚާއްޞަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުމަށް އެހި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ރިޕޯޓަކީ އެމް.އޭ.ސީ.އެލްއިން އަލަށް ޢިމާރާތްކުރި ސީޕްލޭން ޓަރމިނަލް، ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކަށް ކުށްޔަށް ދޫކުރަން ނިންމާފައިވާ ގޮތް ބެލުމަށް ޙާއްޞަ އޮޑިޓެއް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން، އޮޑިޓަރ ޖެނެރަލް އަރިހުން އެދިވަޑައިގެންނެވުމުން، 03 ޑިސެންބަރު 2019 ގައި އޮޑިޓަރޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓު އެ ކޮމިޓީން ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓެކެވެ. މިރިޕޯޓު ދިރާސާކުރުމަށް ކޮމިޓީން ވަނީ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކޮށްފަ އެވެ. އެގޮތުން އެމްއޭސީއެލްއާއި، ޓީއެމްއޭ އަދި އެހެން އޮޕަރޭޓަރުންނާއި ފިނޭންސް މިނިސްޓަރާއި ކޮމިޓީން ވަނީ ބައްދަލުކޮށް މަޢުލޫމާތު ސާފުކޮށްފައެވެ.

މިކަމުގައި ކޮމިޓީގައި ފިނޭންސް މިނިސްޓަރ ވަނީ ސަރުކާރުން މިކަމުގައި ނިންމަވާފައިވާ ގޮތް ހާމަކޮށްދެއްވާފަ އެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ ޓަރމިނަލްގެ 6،400 އަކަމީޓަރުގެ ޖާގަ, އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭ އަށް ދިނުމަށެވެ. އަދި ބާކީވާ ޖާގަ އެހެން އޮޕަރޭޓަރުންނަށް ޓީއެމްއޭ އަށް ދޭ ރޭޓުން ދޫކުރުމަށާއި ނުނަގާ ބާކީވާ ތަންތައް ބިޑު އުޞޫލުން ކުއްޔަށް ދޫކުރާ ގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

Advertisement

މިކަމުގައި ކޮމިޓީން ވަނީ ދެކަމެއް ނިންމާފަ އެވެ. ފުރަތަމަ ކަމަކީ ދިވެހި ސަރުކާރުން ގެރެންޓީދީގެން އެމް.އޭ.ސީ.އެލުން ލޯން ނަގައިގެން ޢިމާރާތްކޮށްފައިވާ އާ ސީޕްލޭން ޓަރމިނަލް ބޭނުންކުރާނެ ގޮތާގުޅޭގޮތުން، މިނިސްޓްރީ އޮފް ފިނޭންސުން ނިންމަވާފައި ގޮތަށް ކުރިޔަށް ގެންދިޔުމަށް އެމް.އޭ.ސީ.އެލްއަށް ދެންނެވުމެވެ.

ދެވަނަ ކަމަކީ މިނިސްޓްރީ އޮފް ފިނޭންސްއިން ނިންމަވާފައިވާ ގޮތަށް ކަންތައްތައް ކުރިޔަށް ނުގޮސްފިނަމަ، އެފަދަ ޙާލަތެއްގައި ޢަމަލުކުރާނެ ކޮންޓެންޖެންސީ ޕްލޭނެއް އެކުލަވާލައި، އެޕްލޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ޙިއްޞާކުރުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ދެންނެވުމެވެ.

މިއީ މިމައްސަލަ ދިރާސާކުރަމުން އަންނަ މާލިއްޔަތު ކޮމިޓީގެ ފުރަތަމަ ރިޕޯޓެވެ. މިމައްސަލައިގެ އިތުރު ބައިތަކެއް ކޮމިޓީން މިހާރުވެސް އަންނަނީ ދިރާސާކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް