Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 14:06
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މިޔަރުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި
މިޔަރުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ތަކާއި، އަދި އެންހިފަން ފީނާ މަސްވެރިންނަށް މިޔަރުގެ ފަރާތުން އަންނަ ހަމަލާތަކުގެ ވާހަކަ އަންނަނީ އިތުރުވަމުން
މި ގަރާރު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމުގެ ގޮތުން 3 ކަމެއް ކުރުމަށް އިލްތިމާސްކޮށް ކާށިދޫ ދާއިރާގެ މެންބަރ ޢަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ޖާބިރު ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ މިއީ، 50 މޭލާއި، 70 މޭލު ބޭރުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދިވެހި މަސްވެރިންނަށް މިޔަރުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ތަކާއި، އަދި އެން ހިފަން ފީނާ މަސްވެރިންނަށް މިޔަރުގެ ފަރާތުން އަންނަ ހަމަލާތަކުގެ ސަބަބުން އެތައް އަނިޔާއެއް ލިބެމުން އަންނަ ކަމުގެ ޝަކުވާތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ ހުށަހަޅުއްވާ ގަރާރެއް ކަމަށެވެ. އެގޮތުން މަސްވެރިންގެ މިޝަކުވާތަކަކީ ޙަޤީގަތެއް އެކުލެވިގެންވާ ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމަށްޓަކައި ކުރި ދިރާސާއިން އަދި މަސްވެރިންގެ ސީދާ ވާހަކަތަކުން އެނގުނު ގޮތުގައި، ރާއްޖޭގެ ކަނޑުތަކުގައި ގިނަވެ، މަސްވެރިންނަށް ގެއްލުންދޭ މިޔަރު ތަކަކީ، ރާއްޖެއާއި، އެތައްސަތޭކަ މޭލު ބޭރުން ދަތުރު ކުރަމުން އައިސް ރާއްޖޭގެ ސަރަޙައްދަށް ވަދެއުޅޭ މިޔަރުތަކެއް ކަމަށް ޖާބިރު ވިދާޅުވި އެވެ.

Advertisement

އެމިޔަރުތަކުގެ ކާނާއަށް ކުދި ކަޅުބިލަމަހާއި، ކަންނެލީގެ އިތުރުން ބޮޑު ކަންނެލިވެސް ހިމެނިފައިވާ ކަމާއި، އެމިޔަރު ތަކަކީ ރާއްޖޭގެ "ޓްރޮޕިކަލް ގާރޑަން" ތެރޭގައި ހިމެނޭ ވައްތަރުތަކުގެ މިޔަރެއް ނޫންކަން އެނގޭކަމަށް ޖާބިރު ވިދާޅުވި އެވެ. ރާއްޖޭގެ ޓެރިޓަރީގައި އުޅޭ މިޔަރުތަކަކީ އިންސާނުންނަށް ގެއްލުންދޭ މިޔަރުތަކަކައް ނުވިކަމުގައި ވިޔަސް، ރާއްޖޭގެ ސަރަޙައްދަށް އައިސް އުޅޭ މިޔަރުތަކަކީ އެތަކެތީގެ ސަބަބުން އިންސާނުންނަށާއި، ކަނޑުގެ މަސްމަހާމެއްސަށް ނުރައްކަލަކަށް ވެފައިވާ މިޔަރު ތަކެއް ކަން ފާހަގަ ކުރެވިފައި ވާކަމަށެވެ. އަދި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށާއި ފަތުރުވެރިންނަށް ލިބޭ އަނިޔާ ބޮޑުވާކަަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ދެ ސިނާޢަތު ކަމުގައިވާ ފަތުރުވެރިކަމާއި، މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލިބެމުންދާ އަނިޔާތަކާއި ގެއްލުންތަކުން އެދެސިނާއަތު ސަލާމަތްކުރަން ޖެހިފައިވާކަމަށް ޖާބިރު ވިދާޅުވި އެވެ.

50 މޭލުން އެތެރޭ ސަރަޙައްދުގައި ލޭނު އެޅުމުގެ މަސްވެރިކަންކުރުން ދިވެހިމަސްވެރިންނަށް މަނާކޮށްފައި އޮންނަ އޮތުމަށް މިހިނދުން މިހިނދަށް ނިމުން ގެނެސް، ރާއްޖޭގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދީ، އަދި އެއްވެސް ހުރަހެއްނެތި ރާއްޖޭގެ ނޫ އިޤްތިޞާދުގެ ނަފާ އެންމެހާ ދިވެހިރައްޔިތުނަށް ލިބިގެންދާނެ ގޮތުގެމަތިން، ވަކި ޤަވާޢިދެއް ހަދައި، އެޤަވާޢިދުގެ ދަށުން މިޔަރާއި، ކަހަނބާއި، އެންދެރި ނެގުމަކީވެސް ދިވެހިމަސްވެރި ކަމުގެ ތެރޭގައި ހިމެނޭ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސައި، އަދި އެ ހުއްދަ ދިވެހި މަސްވެރިންނަށް ދިނުމަށް ސަރުކާރުގެ ކަމާއިބެހޭ ވުޒާރާއަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމަށް.ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން، މި ޤަރާރު ހުށަހެޅިން
ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު

ޖާބިރު އިތުރަށް ވިދާޅުވީ ދިވެހި ކަނޑުތަކުގައި އުޅޭ އިންސާނުންނަށް ޙަމަލާދޭ ނުރައްކާތެރި މިޔަރުގެ ބާވަތްތައް ދެނެގަތުމުގެ މަސައްކަތް މިހިނދުން މިހިނދަށް ފެއްޓުމަށާއި، އަދި އެތަކެތީގެ ސަބަބުން ދިވެހި މަސްވެރިންނަށާއި، ފަތުރުވެރިންނަށް ކުރިމަތިވާ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަށް ގޮވާލައްވާ ކަމަށެވެ.

މިގަރާރަށް ބަހުސްކުރެއްވި ބައެއް މެންބަރުންވަނީ މިޔަރުގެ ސަބަބުން މަސްވެރިކަމަށާއި ފަތުރުވެރި ކަމަށްވެސް ފައިދާ ތަކެއް ވާ ކަމަށެވެ. އަދި މިޤަރާރު މިހާރުން މިހާރަށް މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަށްވެސް ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް