ކޮރޯނާވައިރަސް އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެކަމަށް ފެންނާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރ އާދަމް ޝަރީފެވެ. އާދަމް ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ދުނިޔޭގެ ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް، އަވަށްޓެރި ޤައުމުތަކުގައި ފެތުރެމުންދާތީ އާއި ރާއްޖޭގައިވެސް މިބަލި ފެތުރުމުގެ ބިރު ވަރަށް ބޮޑުކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނަމުންދާތީ މިބަލީގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމެއްކަމަށެވެ.
އަދި ރާއްޖެއަކީ ތެލާއި ކާޑުގެ ބާވަތްތައް ރާއްޖޭގެ ބޭރުން އެތެރެކުރާ ޤައުމަކަށްވެފައި، އެތަކެތި އަތޮޅުތަކަށް ބެހިގެންދަނީ ޢާންމުން ދަތުރުކުރާ އުޅަނދުތަކުގައި މާލެއިން ކަމަށްވާއިރު، ރަށްރަށުގައި ތެލާއި ކާޑުގެ ބާވަތްތަކާއި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އެހެނިހެން ތަކެތި ރައްކާ ކުރެވެން ނުހުންނާތީވެ ރަށްރަށުގެ ފިހާރަތަކަށް މާލެއިން އެތަކެތި ގެންދަނީ ގިނަވެގެން ދެ ހަފުތާއެއްހާ ދުވަހަށް ރަށަށް ފުދޭ މިންވަރަކަށް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ދިވެހިރާއްޖެއިން ކޮރޯނާވައިރަސް ފެނިއްޖެނަމަ ރާއްޖެއަށް ދަތުރުކުރާ އާގުބޯޓު ފަހަރުގެ ދަތުރުކުރުން ހުއްޓީ، ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެކަމަށް ބެލެވޭއިރު، އެކަށީގެންވާ މުއްދަތަކަށް މުޅި ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ދުރާލާ އެތެރެކޮށްފައިނުވާތީ އާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ލިބޭނެ އިންތިޒާމެއް ހަމަޖައްސާފައިނުވާތީ އާއި، އެއްވެސް ރަށަކަށް ދަތުރުކުރުން ހުއްޓާލަން ޖެހިއްޖެނަމަ އެރަށަކަށް ކާޑުގެ ބާވަތްތައް އެތެރެކުރެވޭނެ ނިޒާމެއް ގާއިމުވެފައި ނުވާތީވެ، ކޮރޯނާވައިރަސް އާގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ކާޑުގެ ދަތިކަން ނުފޯރާނެކަން ކަށަވަރުކުރުމަށްޓަކައި އެތަކެތި ދުރާލާ ރާއްޖެއަށް އެތެރެކޮށް، ބޭނުންވާ މިންވަރަށް ރާއްޖޭގެ އެކި ހިސާބުތަކުން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާ، މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ށ ގެ ދަށުން މިކުއްލި މައްސަލަ ހުށަހަޅަމެމަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް
ކުއްލި މައްސަލަ ހުށަހެޅުއްވުމަށްފަހު މިމައްސަލައަށް ބަހުޘްކުރުމަށް ފެނޭތޯ ނެގުނު ވޯޓުގައި 44 މެންބަރުން ވަނީ މިމައްސަލައަށް ބަހުޘްކުރުމަށް ފެންނަމަކަށް ވޯޓު ދީފަ އެވެ. އެއާއެކު މިމައްސަލައަށް މެންބަރުން ބަހުޘްކުރައްވަމުން ގެންދަވާއިރު މިކަމަށް ރާއްޖެ އޮތީ ތައްޔާރު ވެފައިކަމަށް މެންބަރުން އަންނަނީ ފާހަގަ ކުރައްވަމުންނެވެ.