Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 07:13
70 އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ހަވާލުކޮށްދެއްވާފައިވޭ
70 އަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ހަވާލުކޮށްދެއްވާފައިވޭ
ރައީސް އޮފީސް
ރައީސް ސޯލިހު
މިސަރުކާރުގެ ސިޔާސަތަކީ، ކަރަންޓަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށްދިނުން: ރައީސް ޞާލިޙު
ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ފަރުދީ ޒިންމާ ނަގަންޖެހޭ
ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް މަސައްކަތްތައް ކުރަންޖެހޭ
ފެހި ދިރިއުޅުން މަޝްރޫއު އިފްތިތާހްކޮށްދެއްވި

މިސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމާއެކު، ކަރަންޓުގެ ޚިދުމަތް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފެށިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ކަރަންޓުގެ ޚިދުމަތައް ކުރާ ހޭދަ ކުޑަކުރުން ރައްޔިތުންގެ ސަމާލުކަމަށް، ގެންނަވާ އެކަން ކުރުމުގެ މުހިންމުކަމުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވަނީ، ކަރަންޓުގެ ޚިދުމަތަށް އަގު ނެގުމުގައި މާލެއާއި އެހެން ރަށްރަށާއި ދެމެދު ހުރި ފަރަޤު މިސަރުކާރުން ނައްތާލާފައިވާކަން ފާހަގަކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް ދިނުމުގައި މި ސަރުކާރުން އިސްކަން ދޭ އަނެއް ކަމަކީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ކަރަންޓުގެ ޚިދުމަތް ދިނުން ކަމަށެވެ. އަދި، އެކަން ޙާޞިލުކުރުމަށް، އިއާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމުގެ ގޮތުން، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެއާއި، އެހެން ރަށްރަށުގައި އިތުރު ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ސްޓެލްކޯއިން އެކުލަވާލާފައިވާ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، އެ ޕްލޭން ފުރިހަމަވެގެން ދާއިރު، ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ހޭދަކުރާނެ ފައިސާ އިތުރު ވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަންގާރަ ދުވަހުގެ ރޭ އިފްތިތާޙުކުރި "ފެހި ދިރިއުޅުން" މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ޞާލިޙު ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނަން ކޮންމެ ގޭބިސީއެއްގައި ވެސް އާދަކުރަން ވެއްޖެކަމަށެވެ. އަދި، ޕްލާސްޓިކްގެ ނުރައްކަލުން މިވެށި ރައްކާތެރި ކުރެވޭނީ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ އިތުރުން، އެ މަނިކުފާނުވަނީ މި ސިނާޢަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތަކައް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޕްލެޓިނަމް އެވޯޑް އެ ފަރާތްތަކާއި ޙަވާލު ކޮށްދެއްވައި، ކަރަންޓުގެ ޚިދުމަތަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ޚާއްޞަ ފޮތެއް ނެރެދެއްވާފައެވެ. މި ރަސްމިއްޔާތުގައި، ފާއިތުވި 70 އަހަރުގެ ތެރޭގައި މި ސިނާޢަތުގެ ތަރައްޤީއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ޙަވާލުކޮށްފައިވެއެވެ.

އިޤްތިޞާދު ކުރިއެރުވުމަށް ޔޫޓިލިޓީޒް ޚިދުމަތްތައް ހަރުދަނާ ކުރުމަކީ މިސަރުކާރުގެ މެނިފެސްޓޯގައިވާ ވަރަށް މުހިންމު ބައެކެވެ. އަދި މިކަމަށްޓަކައި މި ސަރުކާރުން މިހާތަނަށްވަނީ ކަރަންޓުގެ ޚިދުމަތް އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތާލައި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްހަމަ ކޮށްފައެވެ. އަދި ހަމަ އެއާއެކު އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް އެއްހަމަ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް