ސަރުކާރަށް އަމާޒުވި އެންމެ ބޮޑު އެއް ފާޑުކިޔުމަކަށްވީ، ތަރައްޤީގެ މަސައްކަތްތައް އަހަރެއްވީއިރުވެސް ކުރިއަށް ނުގެންދާކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކެވެ. ރަށްރަށުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށްނުދާކަމަށާއި، ސަރުކާރަށް ތަރައްޤީ ގެންނަން ނޭނގޭކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކުރަމުންގެންދިޔަ އެވެ. ސަރުކާރަކީ ވައުދުވެ، ވައުދު ނުފުއްދާ ސަރުކާރެއްކަމަށް ބުނެ، ސަރުކާރާއިމެދު ނަފްރަތު އުފެއްދުމަށް ބަޔަކު ގެންދިޔައީ ކެނޑިނޭޅި މަސައްކަތްތަށް ކުރަމުންނެވެ. ނަމަވެސް ސަރުކާރުން އޮތީ ދާދިމިދާކަށް ދުވަހަކާއި ޖެހެންދެންވެސް މިއިން އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީ އެވެ.
އެ ހުރިހާ ފާޑުކިޔުމަކާއެކުވެސް، ސަރުކާރުގެ މިސްރާބު ބެހެއްޓީ ސަރުކާރު ހިންގުމަށެވެ. ސަރުކާރުގެ މަސައްކަތްތަކާއި، ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށެވެ. އެކަމުގައި ސަރުކާރުން މަސައްކަތްކުރީކީ ހުދުމުތާރު ވެރިޔާ އަބްދުﷲ ޔާމީން ކަންކުރެއްވި ގޮތަކަށް ނޫނެވެ. ކޮންމެ ސޮޔެއް ކޮށްލުމުގެ ރަސްމިއްޔާތަށް މިނިސްޓަރާއެކު، މަޖިލީހުގެ ހުރިހާ މެމްބަރުން އެއްކޮށް، ދައުލަތުގެ މީޑިއާގެ ލައިވް ސެޓަޕްއަޅާ، ލައިވްކޮށެއް ހަދާފައެއް ނުވެއެވެ. ކޮންމެ ޕްރޮޖެކްޓެއްގެ ވާހަކަ ބޮޑު އަކުރުން ލިޔެ، ބޮޑެތި ސޮއިކުރުމުގެ ރަސްމިއްޔާތުތައް ނުބޭއްވުމަކީ، ރައްޔިތުންގެ މެދުގައި ސަރުކާރާއިމެދު ނަފްރަތު އުފެއްދުމަށް އިދިކޮޅަށް ލިބުނު ފުރުސަތަކަށްވެސް ވެދާނެ އެވެ.
އެކަމުގައި ސަރުކާރު ހިމެނޭނުން އޮތުމަށްފަހު، އަދަދުތަކާއި، މަސައްކަތްކުގެ ފޮޓޯތަކާއެކު، މީޑިއާތަކަށް ވަނީ މައުލޫމާތުތައް ތިލަކޮށްލާފަ އެވެ. ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދަދުތައް ޓުވިޓަރއަށް ތިރިކޮށްލި އެވެ. ޓުވިޓަރއަށް ދޫކޮށްލި މައުލޫމާތުތަކުން އެނގުނު ގޮތުގައި މި ސަރުކާރުން މިހާރުވެސް 547 މަޝްރޫއެއް ރައްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެތެރޭގައި ބިންހިއްކުމުގެ މަސައްކަތަތަކުން ފެށިގެންގޮސް، ބޯހިޔާވެހިކަމާއި، ބަނދަރު ހެދުމާއި، ހޮސްޕިޓަލްތައް އިމާރަތްކުރުމާއި، ރަށް ގިރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، ސްކުލާއި، މިސްކިތްތައް އިމާރަތްކުރުމާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްތަށް ހިމެނެ އެވެ.
މިއީ ސަރުކާރެއްގެ ފުރަތަމަ ދެ އަހަރާއި ބަލާއިރު ރެކޯޑް އަދަދުތަކެވެ. އައު ސަރުކާރުގެ އެއް އަހަރު ނިންމާ، ދެ ވަނަ އަހަރުގެ މަސައްކަތްތައް ފަށައިގަތްތާ އަދި މާކަ ގިނަ ދުވަހެއްވެސް ނުވެ އެވެ.
ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަށް ޗާޓުތަކެއްގެ ގޮތުގައި ތިލަކޮށްލުމުންވެސް، ފާޑުކިޔާ ފަރާތްތަކުން ދެއްކި ވާހަކައަކީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެއީ ފާޑުކިޔުންތަށް އަމާޒުވުމުން، ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ކުރިކަމެއްކަމަށެވެ. އެޔާއެކު، ފެނިގެންދިޔައީ ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކުގެ ދިފާއުގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުން ސޯޝަލް މީޑިއާ ފުރާލި މަންޒަރެވެ. އެކަމުގައި އިސްކޮށް ތިއްބެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޗެއަރޕާސަން ހަސަން ލަތީފެވެ. މަޝްރޫއުތަކުގެ މަސައްކަތްތަށް ކުރިއަށްދާ މަންޒަރުތަކުގެ ފޮޓޯތަކާއެކު މުޅި ސޯޝަލް މީޑިއާ އެ ބޭފުޅުން ފުރާލެއްވި އެވެ.
ކޮންކްރީޓް ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދާ މިންވަރާއި، މަސައްކަތްތަކުގެ ހަލުމިންވެސް ވަނީ ދައްކުވާލާފަ އެވެ. ނަމަވެސް އެއީވެސް އިދިކޮޅަށް ހަޖަމްކުރެވޭ ވާހަކައަކަށް ނުވި އެވެ. ދެން ދައްކަން ފެށީ މުޅިން އެހެން ވާހަކައެކެވެ. ތަރައްޤީއަކީ ކޮންކްރީޓް ނޫންކަމަށް ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީން ބުނެފައިވާކަމަށް ބުނެ، އެ ފަރާތްތަކުން ޅެންބައިތުތައް ކިޔަން ފެށި އެވެ. ތަރައްޤީއަކީ ތިމާއަށް އަންނަ ބަދަލެއްކަމަށް ރައީސް ނަޝީދު ވިދާލުވި ވިދާޅުވުންތައް ޓްވިޓަރއައށް ބަންޑުންކުރަމުންދިޔައީ، ދެން ދައްކާނެ އިތުރު ވާހަކައެއް ނެތިގެން ބަޔަކު ވާހަކަތަށް ފަތުރާ އުސޫލުންނެވެ.
ތަރައްޤީގެ މަސައްކަތްތަށް ކުރިއަށްނުދާކަމަށް ބުނެ ފަތުރަމުންގެންދިޔަ ވާހަކަތަކުންވެސް އެނގުނު އެއް ހަޤީޤަތެއް އެބައޮތެވެ. އިންތިހާބެއް ބޯމަތިވެގެންދާއިރު، އިދިކޮޅަށް ވިއްކާނެ އެއްވެސް އެއްޗެއް އަތުގައި ނެތްކަމެވެ. މައްސަލަތަކެއް ހުރިނަމަވެސް، ސަރުކާރު އޮތީ ގުޑުވާނުލެވޭނެ މިންވަރަށް ފުރިހަމަވެ، ފައްކާވެފައިކަމެވެ. މަނީ ލޯންޑަރ ކުރައްވައި، ހަލާލު ނޫން ފައިސާއިން މަންފާ ހޯއްދެވި އަބްދުﷲ ޔާމީންގެ ފުރަތަމަ 2 އަހަރާއި އަޅާ ނުކިޔެނެ މިންވަރަށް ކޮންކްރީޓް ތަރައްޤީގައިވެސް މި ސަރުކާރު ފުރާ ފުރިހަމަވެފައިވާކަމެވެ.