ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
ދީބާޖާ މައްސަލަ ރިވިއުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ޖެނުއަރީ 22 ގައެވެ. އަދި އެއީ އެ ކޯޓުގެ ގަވައިދާ އެއްގޮތަށް ހުށައެޅިފައިވާ މައްސަލައެއް ކަމުގައިވާތީ މައްސަލަ ހުށައެޅުމަށް ވަނީ ހުއްދަ ދީފައެވެ.
ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ދަމަހައްޓާފައިވަނީ ސުޕްރީމް ކޯޓުންނެވެ. ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި މި އަދަދަށް ފައިސާ ދޭން ސިވިލް ކޯޓުން ހުކުމްކުރީ އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރު އެކުންފުންޏާއެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރުމާއި ގުޅިގެންނެވެ.
ސިވިލް ކޯޓުން ކުރި ހުކުމް 2018 ވަނަ އަހަރުގެ ތެރޭގައި ހައި ކޯޓުން ބާތިލްކުރިއެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވެފައި ވަނިކޮށް ހައިކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓަން އެ ކޯޓުން ނިންމީ މިކަމުގެ މައްޗަށް ރިއާޔަތްކޮށެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ސަރުކާރުން ކުރިން ނިންމި ނަމަވެސް އެ ފައިސާ އެ ކުންފުންޏަށް ދައްކާފައެއް ނުވެއެވެ. އަދި ފައިސާ ނުދީގެން ދީބާޖާއިން އޮތީ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް މައްސަލަވެސް ހުށައަޅާފައެވެ.