Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 15:34
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު
ޓްވިޓަރ
އަދީބުގެ ޝަރީއަތް
އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިއަދުވެސް ބޭއްވޭވަރެއް ނުވި!
މީގެކުރިންވެސް އަދީބުގެ ޝަރީއަތްތަކުގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފަ
މިހާތަނަށް ބޭއްވިފައިވަނީ އިބްތިދާއީ ފުރަތަމަ އަޑުއެހުން އެކަނި، އެއީ މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު
އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުޅާފައިވޭ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު، ކެންސަލް ކޮށްފި އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އަންގާރަ ދުވަހު 14:00ގައި ބޭއްވުމަށް ތާވަލްކުރި އަޑުއެހުންތައް ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެއެވެ. އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކެއް މީގެކުރިންވެސް ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވެއެވެ. އެގޮތުން، ޖެނުއަރީ މަހުގެ 14، 21، އަދި 26 ވަނަ ދުވަހު ތާވަލްކުރި އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ގުޅިގެން އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިއަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ 7 ދައުވާ ވަނީ އިއްވާފަ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ދައުލަތުން އަދީބުގެ މައްޗަށް ކޮށްފައިވާ 7 ދައުވާ އިއްވުމާއެކު، އަދީބުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ވަނީ އެ ޝަރީއަތުގެ އަޑުއެހުންތައް ޓީވީން ލައިވް ކުރެވޭނެ ގޮތެއް ހަމަޖެހިގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކޭކަމަށް ބުނެފަ އެވެ. ސަބަބަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުންހުރި މައްސަލައަކަށްވާތީ ކަމަށްވެސް އަދީބުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ބުނެފައި ވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބުގެ ޝަރީއަތުގެ އަޑުއެހުންތައް ޓީވީން ލައިވް ނުކުރަން ނިންމާފަ އެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިންމާފައިވާތީ، އަދީބުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ވަނީ އެކަން އަލުން މުރާޖައާކޮށްދިނުމަށް އެދިފަ އެވެ.

އެ އަޑުއެހުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ ގާނޫނީ ވަކީލާ ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މިހާތަނަށް ދައުލަތުން ހިންގާފައިވާ އެންމެބޮޑު ޖަރީމާ ކަމަށެވެ. އެހެންކަމުން މި ޝަރީއަތުގެ އަޑުއެހުންތައް ޓީވީން ލައިވްކުރެވޭނެ ގޮތެއް ވުމަކީ ދައުލަތުން އެދޭ ކަމެއް ކަމަށެވެ.

Advertisement

މަހްފޫޒު ވިދާޅުވެފައިވަނީ، މި ޝަރީއަތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަދީބުގެ ބައިވެރިވުން އޮތް މިންވަރާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަދީބަށް ވައިވެރިވާން ދިމާވި ހާލަތާއި، ކަން ހިނގިގޮތް ވަރަށް ރަނގަޅަށް މިޝަރީއަތުން ރައްޔިތުންނަށް އެނގިގެންދާނެ ކަމަށެވެ.

އަދީބުގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވެފައި ވަނީ، "އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ އަދީބުއާ ހަމައިން ނިމޭނެ މައްސަލައެއް ނޫން" ކަމަށެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ކަން ހިނގިގޮތާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދެއްވުމަށް އަދީބު އެއްބަސްވި އެއްބަސްވުންތަކުގެ ހަގީގަތް މިޝަރީއަތުގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުތަކަށް އެއްބާލުން ދެއްވުމަށް އަދީބު އެއްބަސްވެ، ފުލުހުންނާއެކު ދެ އެއްބަސްވުމެއް ހެދިފައިވާ ކަމަށް އަދީބް ވިދާޅުވި އެވެ. އެގޮތުން ފުރަތަމަ އެއްބަސްވުން ހެދުނީ މިދިޔަ އަހަރުގެ ޖޫން 6 ވަނަ ދުވަހު ކަމަށާއި އޭގެ ފަހުން 9 ސެޕްޓެމްބަރުގައި ދެވަނަ އެއްބަސްވުމެއް ފުލުހުންނާއެކު ހެދިފައިވާ ކަމަށެވެ.

އެ އެއެއްބަސްވުންތާއެކު، އަދީބު ވަނީ، ޕީޖީއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދާފަ އެވެ. އެ އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2019ގަ އެވެ.

އިއުތިރާފުގެ އެއްބަސްވުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ހެދޭ އެއްބަސްވުމެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ތުހުމަތު ކުރެވޭ މީހާއާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފް ވެއްޖެނަމަ. ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމެއް ވެވިދާނެ ކަމަށެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރަންވާނެ ކަމަށްވެސް އެމާއްދާގައި ބުނެފައި ވެއެވެ.

ހަމަ އެމާއްދާގެ (ށ)ގައި ބުނަނީ، އެގޮތަށް ވެވޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބެެއް ކަމަށެވެ. ނުވަތަ ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް