Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 11:59
ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު
ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އިލްމީ ދިރާސާތައް ކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް ނެޝަނަލް ރިސަރޗް ކައުންސިލެއް ގާއިމުކުރުމަށް ބިލެއް ހުށަހަޅައިފި
މިބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު

ޢިލްމީ ދިރާސާތައް ކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށްޓަކައި ނެޝަނަލް ރިސަރޗް ކައުންސިލެއް ޤާއިމުކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ބިލު ހުށަހަޅައިފި އެވެ.

މިބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރ މުޙައްމަދު ޢަބްދުﷲ ޝަފީޤެވެ. އަންގާރަ ދުވަހުގެ ޖަލްސާއަށް މިބިލު ހުށަހަޅުއްވަމުން ޢަބްދުﷲ ޝަފީޤް ވިދާޅުވީ މިބިލުގައި ޢިލްމީ ދިރާސާކުރާ މީހުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ނެޝަނަލް ރިސަރޗް ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށާއި ކައުންސިލުގެ މަސައްކަތްތައް ކަނޑައަޅާފައިވާ ކަމަށެވެ. މިކައުންސިލުގެ ކަންކަމުގައި ކައުންސިލުން ޖަވާބުދާރީ ވާނީ މިނިސްޓަރަށް ކަމުގައި ބިލުގައި ކަނޑައަޅާފައިވާ ކަމަށް ޢަބްދުﷲ ޝަފީޤް ވިދާޅުވި އެވެ.

Advertisement

މިބިލުގައި ނެޝަނަލް ރިސަރޗް ކައުންސިލުގެ މަސައްކަތްތައް ބަޔާންވެގެންވާއިރު މިކައުންސިލަށް ލިބޭ ޤާނޫނީ ބާރުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އެކުލަވާލަންޖެހޭއިރު ކައުންސިލަށް ބޭނުންވާ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި އެކުލަވާލަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި އަހަރީ ރިޕޯޓެއް އެކުލަވާލާ މަތީ ތަޢުލީމުގެ ކަންކަމާ ޙަވާލުވެ ހުންނަވާ މިނިސްޓަރަކަށް ހުށަަހަޅަންވާނެ ކަމަށް މިބިލުގައި ބަޔާންކޮށްފައިވެ އެވެ.

މިބިލު ހުށަހަޅުއްވަމުން ޢަބްދުﷲ ޝަފީޤް ވިދާޅުވީ މިބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ، ރާއްޖޭގައި މަތީ ތަޢުލީމު ކުރިއަރުވާ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓްރީކުރުމާއި އެމަރުކަޒުތައް ހިންގާނެ އުޞޫލުތައް ބަޔާން ކުރުންކަމަށެވެ. އަދި މަތީ ތަޢުލީމުގެ ކަންކަން ވިލަރެސް ކުރުމަށާއި މަތީ ތަޢުލީމުދޭ ތަންތަން މޮނިޓަރ ކޮށް އެމަރުކަޒުތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް ،އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވާ ހިންގުމާބެހޭ އުޞޫލުތައް ބަޔާންކުރުމަކީވެސް މިބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ޢަބްދުﷲ ޝަފީޤް ވިދާޅުވި އެވެ. މީގެއިތުރުން އެނޫންވެސް މަތީ ތަޢުލީމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމާއި ބެހޭ އުޞޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ވަކި ޤާނޫނެއް ތަޢާރަފުކުރުމަކީ މިބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ޢަބްދުﷲ ޝަފީޤް ވިދާޅުވި އެވެ.

މިބިލުގައި ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ހިންގަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރުމަށްފަހުގައި ކަމަށް ކަނޑައަޅައި ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުގެ ތެރޭގައި ހިމެނެނީ އަމިއްލަ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކާއި އެފަދަ ތަންތަނުގެ ކެމްޕަސްތަކާއި އައުޓްރީޗް ސެންޓަރުތަކާއި މަސައްކަތުގެ ތަމްރީނުދޭ މަރުކަޒުތައް ކަމުގައި ބަޔާންވެގެންވޭ. މިބިލުގައި މަތީ ތަޢުލީމުދޭ މަރުކަޒުތައް ތިން ބަޔަކަށް ގިންތި ކޮށްފައިވޭ. މިގޮތުން ޔުނިވަރސިޓީ ކޮލެޖް އަދި އިންސްޓިޓިއުޓް ހިންގުން ހިމެނޭ. މިބިލުގައި މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ޕްރޮގުރާމުތައް ހިންގަންވާނީ މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވަރކްގައި ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި ކަނޑައަޅާއި ބަޔާންކޮށްފައިވޭ.
ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު

މިބިލު ޤާނޫނަކަށް ވުމުން ރާއްޖެއިން ބޭރުގެ ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ނުވަތަ ކޮލެޖުތަކުގެ ކެމްޕަސްތައް ރާއްޖޭގައި ހިންގަންވާނީ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެ މަތިންކަމަށާއި ރާއްޖެއިން ބޭރުގެ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ނުވަތަ ކޮލެޖުތަކުގެ ކެމްޕަސްތައް ރާއްޖޭގައި ރަޖިސްޓްރީ ކޮށްދޭންވާނީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތައް ރާއްޖޭގައި ހިންގަން އެ މަރުކަޒުތައް ރާއްޖޭގައި ހިންގާ ރެކްރޫޓްކުރުމަށް ގޮންޖެހުމަކަށް ނުވާފަދަ ނިޒާމެއްގެ ތެރެއިންކަމަށް ކަނޑައަޅާފައިވާ ކަމަށް ބިލު ހުށަހަޅުއްވަމުން ޢަބްދުﷲ ޝަފީޤް ވިދާޅުވި އެވެ.

އަދި މިބިލުގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ކިޔަވައި ދަރިވަރުންގެ މެދުގައި އެދަރިވަރުންނަށް އެޑްމިޝަން ދޫކުރުމާއި ކިޔަވައިދުނުމުގައި ތަފާތު ކުރުމެއްނެތި ހަމަހަމަ އުޞޫލުން ކަންކަންކުރުމަށާއި މިފަދަ ކަމަކާއި ގުޅިގެން ޝަކުވާއެއް ހުށަހެޅިއްޖެނަމަ އެޝަކުވާއެއް ބަލާ ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އިޖުރާޢަތު އަދި ޝަކުވާ ބަލާ ނިންމަންވާނެ ވަގުތުތަކެއް ކަނޑައަޅައި ކަމާގުޅޭ އުޞޫލުތައް ކަނޑައަޅާފައި ހުންނަންވާނެކަަމަށް ބަޔާންކޮށްފައި ވާނެކަމަށް ޢަބްދުﷲ ޝަފީޤް ވިދާޅުވި އެވެ.

މިބިލު ޤާނޫނަކަށްވުމުން މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމަށް އެކްރެޑިޓޭޝަން އެކަޑަމިކް އޮޑިޓަރ އިންސްޓިއުޓްނަލް އޮޑިޓްކުރުމުގެ އިތުރުން މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރުބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ނަމުގައި ވަކި އިދާރާއެއް އުފެއްދޭނެ. އަދި މިއޮތޯރިޓީ އާ ގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރުކަމަށް ކަނޑައަޅާފައިވޭ. މިބިލު ޤާނޫނަކަށްވުމުން މީގެކުރިން ހިނގަމުން އައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ޚިދުމަތްކުރަމުންދިޔަ މުވައްޒަފުންނަށް އެ އިދާރާއިން ކުރަމުން އައި އެންމެހާ މަސައްކަތްތައް މި ޤާނޫނުގެ ދަށުން އެއޮތޯރިޓީގެ ދަށަށް ބަދަލުވެގެންދާނެ. މިބިލުގައި ކޮލިފިކޭޝަން އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްއޫލުވާންޖެހޭ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެކަަމަށާއި ބޯޑަށް މެންބަރުން ޢައްޔަނުކޮށް ވަކިކުރެވޭނީ ރައީސުލްޖުމްހޫރިއްޔާކަމަށް ކަނޑައަޅާފައިވޭ.
ވެލިދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު

މިބިލު ޤާނޫނަކަށް ވުމުން މަތީ ތަޢުލީމުގެ ކަންކަން ކުރިއެރުވުމަށްޓަކައި މިނިސްޓްރީން ކުރަންޖެހޭ ކަންކަން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ޓްރަސްޓް ފަންޑެއް ޤާއިމުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ޓްރަސްޓް ފަންޑު ހިންގަމުންދާނީ މިނިސްޓްރީގެ ބެލުމުގެ ދަށުން މިނިސްޓްރީން އެކުލަވާލާ ފަންޑުގެ ބޯޑުގެ ދަށުން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މީގެއިތުރުން، މި ބިލު ޤާނޫނަކަށް ވުމުން ޔުނިވަރސިޓީ، ކޮލެޖް އަދި އިންސްޓިޓިއުޓްތައް ރަޖިސްޓްރީ ނުކޮށް ހިންގުމަކީ މަނާކަމެކެވެ. އަދި އެފަދަ ގޮތަކަށް ހިންގާނަމަ ޖޫރިމަނާކުރެވޭނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް