Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 13:34
އިނގުރައިދޫ ދާއިރާގެ މެމްބަރ ހަސަން އަހުމަދު
އިނގުރައިދޫ ދާއިރާގެ މެމްބަރ ހަސަން އަހުމަދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމާއި ކަރަންޓުގެ ޚަރަދުތައް ކުޑަކުރުމަށް އެހީވެދޭ ފަންޑެއް ޤާއިމުކުރުމަށް ބިލެއް ހުށަހަޅައިފި
ސަރުކާރުގެ ފަރާތުން މިބިލް ރައްޔިތުންގެ މަޖިލީހުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރ ހަސަން އަހުމަދު
ސަރުކާރުގެ ހަކަތައިގެ ސިޔާސަތު އެންވަޔަރަންމަންޓް މިނިސްޓްރީން ޝާއިއުކޮށް ކޮންމެ 5 އަހަރަކުން އެއް ފަހަރު މިސިޔާސަތު މުރާޖާ ކުރަންޖެހޭނެ

އިއާދަ ކުރަނިވިހަކަތަ ކުރިއެރުވުމާއި، ކަރަންޓުގެ ޚަރަދުތައް ކުޑަކުރުމަށް އެހީވެދޭ ފަންޑެއް ޤާއިމުކޮށް، އެ ފަންޑު ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެބިލުގެ ބަހުސް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން މިބިލު ރައްޔިތުންގެ މަޖިލީހުން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރ ހަސަން އަހުމަދެވެ. ބިލު ހުށަހަޅުއްވަމުން ހަސަން ވިދާޅުވީ މިބިލު ހުށަހަޅުއްވާ މަޤުޞަދަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ފޯރުކޮށްދިނުމާއި ގުޅޭ އުސޫލުތައް ކަނޑައަޅައި، ކަރަންޓުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ޙައްޤުތަކާއި، ޢާންމު ބޭނުންތަކެއްގެ ޚިދުމަތެއްގެ ގޮތުގައި ކަރަންޓު ފޯރުކޮށްދޭ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހިފަހައްޓައި، އެކަށީގެންވާ އަގެއްގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތު ބަޔާން ކުރުމަކީވެސް މިބިލު ހުށަހެޅުއްވި ބޭނުމެއްކަމަށް ހަސަން ވިދާޅުވި އެވެ.

Advertisement

ހަސަން ވިދާޅުވީ މިބިލުގައި ހަކަތައިގެ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާ ގޮތް ހާމަކޮށް ސަރުކާރުގެ ހަކަތައިގެ ސިޔާސަތު އެންވަޔަރަންމަންޓް މިނިސްޓްރީން ޝާއިޢުކޮށް ކޮންމެ 5 އަހަރަކުން އެއް ފަހަރު މި ސިޔާސަތު މުރާޖަޢާކޮށް ގެންނަންޖެހޭ ބަދަލުތައް ގެންނަންވާނެ ކަމަށް މިބިލުގައި ބަޔާންކޮށްފައިވާ ކަަމަށެވެ. ހަކަތައިގެ ސިޔާސަތުގެ އިތުރުން 5 އަހަރު ދުވަހުގެ ތެރޭގައި ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމެނޭ ހަކަތައިގެ ޕްލޭނެއް މިނިސްޓްރީން އެކުލަވާލަންވާނެ ކަމާއި، މި ޕްލޭން ކޮންމެ 5 އަހަރުން މުރާޖަޢާކުރަން ވާނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާ ކަމަަށް ހަސަން ވިދާޅުވި އެވެ.

ކަރަންޓުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދީފައިވާ ފަރާތްތަކުން ހަކަތައިގެ ގައުމީ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ކަރަންޓުގެ ޚިދުމަތް ދިނުމާއި ކަނޑައަޅާ ޕްލޭނެއް ކޮންމެ މީލާދީ އަހަރެއް ފެށުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމާއި ޕްލޭންތައް ތަންފީޒުކުރުމުގެ ގޮތުން ރިޕޯޓް ދެން އަންނަ މީލާދީ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވޭ
އިނގުރައިދޫ ދާއިރާގެ މެމްބަރ ހަސަން އަހުމަދު

މީގެއިތުރުން ރާއްޖޭގެ ޞަރަޙައްދުގައި ހިމެނޭ ޤުދުރަތީ ގޮތުން އިޔާދަކުރަނިވި ހަކަތައިގެ އެންމެހާ ވަޞީލަތްތަކާއި ދިވެހި ދައުލަތުގެ މިލްކެއްކަމާއި އިޔާދަކުރަނިވި ހަކަތަ ކަރަންޓުން އުފައްދާނެ ޓާގެޓް މިނިސްޓްރީން ކަނޑައަޅަން ވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވާކަމަށް ހަސަން ވިދާޅުވި އެވެ. ކަރަންޓު އުފައްދާ ފޯރުކޮށްދޭ ފަރާތްތަކާއި ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތައް ބިލުގައި ބަޔާންކޮށްފައިވާކަމަށް ހަސަން ވިދާޅުވި އެވެ.

މީގެއިތުރުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރަންވާނީ ޢާންމުކޮށް ބީލަމުގެ އުޞޫލުން ހުޅުވާލުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތްތަކަށްކަމަށް ބިލުގައި ބަޔާން ކޮށްފައިވާކަމަށް ހަސަން ވިދާޅުވި އެވެ. ބީލަން ކުރުމަކާއި ނުލާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލައިސަންސް ދެވިދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި ޚަރަދުތައް ކުޑަކުރުމަށް އެހީވެދޭ ފަންޑެއް މިބިލަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ގާއިމުކުރަންވާނެ ކަމަށް ބަޔާންކުރާ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ފަންޑުގައި ހިންގާ ބޯޑު ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރަންވާނެކަމަށް ބިލްގައި ބަޔާންކުރޭ. ފަންޑުގައި ހިންގާ ބޯޑުގައި މަދުވެގެން ހިމެނެންޖެހޭ ފަރާތްތަކަކީ ފަންޑުގައި ހިމެނޭ ފައިސާއާ ބެހޭ ތަފްސީލު ބިލްގައި ބަޔާންކޮށްފައިވޭ.

މިބިލުގައި މިފަންޑަށް ފައިސާ ހޯދާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެ އެވެ. އަދި ފަންޑުގެ އޮޑިޓް ހެދުމާއި، ފަންޑުގެ އަހަރީ ރިޕޯޓުތައް ބަޔާންކުރުމާއި، މާލީ ޙާލަތު ބަޔާން ކުރަންވާނެ ކަމަށް މިބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

މީގެއިތުރުން ހަސަން ވިދާޅުވީ ކަރަންޓާއި ގުޅޭގޮތުން ކުރެވޭ މަސައްކަތުގައި ދިވެހި އުފެއްދުންތަކަށް އިސްކަންދިނުމާއި ހަކަތައިގެ ދާއިރާގައި ވަޒީފާތަކަށް މީހުން ނެރުމުގައި ދިވެހިންނަށް އިސްކަންދޭންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވާ ކަމަަށެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފުވާ ފަރާތްތަކަށް ދޭނެ އަދަބުތަކާއި ގުޅޭގޮތުންވެސް މި ބިލުގައި ބަޔާންވެގެންވާކަމަށް ހަސަން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް