Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 13:44
ވީއެފްއެސް ވިސާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު (ކ) ޖަރުމަން ސަފީރު ޖޯން ރޯޑްސް (މ) ޗެކް ރިޕަބްލިކްގެ ސަފިރު މީލާން ހޮވަރުކާ (ވ) ސެންޓަރުގެ ނަންބޯޑުގެ ފޮތިގަނޑު ކަހާލަދެއ
ވީއެފްއެސް ވިސާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު (ކ) ޖަރުމަން ސަފީރު ޖޯން ރޯޑްސް (މ) ޗެކް ރިޕަބްލިކްގެ ސަފިރު މީލާން ހޮވަރުކާ (ވ) ސެންޓަރުގެ ނަންބޯޑުގެ ފޮތިގަނޑު ކަހާލަދެއ
ޔޫސުފް ސޮފްވާން ރަޝީދު
ޔޫރަޕް ވިސާ
ޔޫރަޕްގެ ވިސާ ހޯދަން ކުރަންޖެހޭ ދަތުރުތަކަށް ނިމުމެއް ގެނެސް މާލެއިން އެކަން ކުރެވޭ ގޮތް ހަދައިފި
މިއީ ދިވެހިރާއްޖޭގެ ތާރީހުގައި އަލަށް ޔޫރަޕްގެ ގައުމަކަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ދާއިމި ގޮތެއްގައި ލިބޭނެ ގޮތަށް ހުޅުވި ފުރަތަމަ ސެންޓަރު
ލަނޑުދަނޑިއަކީ ރާއްޖޭގެ ރައްޔިތުންނަށް ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކަށް ދިޔުމުން އޮންއެރައިވަލް ވިސާ ޖެހުމުގެ ފުރުސަތު ހޯދައި ދިނުން
ޖަރުމަން އަދި ޗެކް ރިޕަބްލިކްގެ ވިސާ ނަގަން ދެން ލަންކާ އަދި އިންޑިއާއަކަށް ދާން ދެން ނުޖެހޭނެ

ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރުމަށް ވިސާ ހޯދުމަށް އަވަށްޓެރި ޤައުމުތަކަށް ދަތުރުކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނެސް، ޖަރުމަން އަދި ޗެކް ރިޕަބްލިކްގެ ވިސާ ލިބޭނެ ވީއެފްއެސް ވިސާ ސެންޓަރެއް ފޮރިން މިނިސްޓްރީގައި ހުޅުވައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ޔޫރަޕުގެ ޤައުމަކަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ ދާއިމި ގޮތެއްގައި ލިބޭނެ ގޮތަށް ހުޅުވި ފުރަތަމަ ސެންޓަރެވެ. މި ސެންޓަރުން މިހާރުން ފެށިގެން ޖަރުމަން އަދި ޗެލކް ރިޕަބްލިކްގެ ވިސާ ލިބޭނެއެވެ. ރާއްޖޭގައި އަލަށް މިފަށާ ޚިދުމަތާއެކު، ޝެންގެން ވިސާ ހޯދުމަށް އަވަށްޓެރި ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ކުރަން ޖެހޭ ދަތުރުތަކަށް ނިމުމެއް އައިސް، ވިސާ ހޯދާ ފަރާތްތަކަށް ވަރަށް ބޮޑުތަކުން ޚަރަދު ކުޑަވެ، ޚިދުމަތް ހޯދަން ފަސޭހަވެގެންދާނެއެވެ.

Advertisement

ޖަރުމަންވިލާތުން ރާއްޖޭގައި ވިސާ ސެންޓަރެއް ޤާއިމުކުރާނެކަން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިޢުލާންކުރެއްވީ މިދިޔަ ޑިސެންބަރު މަހުއެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫރަޕުގެ އިތުރު ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ޝެންގެން ވިސާ ނެގޭނެ އިންތިޒާމު ހަމަޖައްސަމުންދާނެކަމަށް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި އިފްތިތާޙު ކުރެވޭ ވިސާ ސެންޓަރަކީ ޔޫރަޕުގެ ޤައުމުތަކަށް މާލޭގައި ތިބެގެން ވިސާނަގައިގެން ދިޔުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނަށް ހުޅުވިގެންދާ އޮފީހެއް ކަމަށެވެ. އަދި މި މަސައްކަތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިރުޝާދާއި ލަފާފުޅުގެ މަތިން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ހެޔޮ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދިވެހިރާއްޖެއަށް ރައީސް ސޯލިހުގެ ސަރުކާރުން ގެންނަވަމުން ގެންދަވާ އިސްލާހީ ބަދަލުތައް ޔޫރަޕްގެ އިއްތިހާދުން ބަލައިގެންފައިވާ މިންވަރު. މިއަދު ލަންކާއަށް ގޮސް ނުވަތަ ދިއްލީއަށް ގޮސް ވިސާ ޖަހަންޖެހުން ހުއްޓިގެން ދިޔައީ. ދިވެހި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި މާލޭގައި ތިބެގެން ވިސާ ޖެހުމުގެ ފުރުސަތު ހުޅުވިގެން ދިޔައީ. އަޅުގަނޑުމެންގެ މަސައްކަތް އަދިވެސް ގެންދާނީ ކުރިއަށް،
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މިނިސްޓަރ ވިދާޅުވީ މިނިސްޓްރީގެ ލަނޑުދަނޑިއަކީ ރާއްޖޭގެ ރައްޔިތުންނަށް ވިލާތު އިއްތިހާދުގެ ޤައުމުތަކަށް ދިޔުމުން އޮން- އެރައިވަލް ވިސާ ޖެހުމުގެ ފުރުޞަތު ހޯދައި ދިނުން ކަމަށާއި، އެ މަސައްކަތް ވެސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ރޯޑްސް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ރޯޑްސް ވިދާޅުވީ ވިސާ ސެންޓަރު ހުޅުވިގެން ދިޔުމަކީ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށާއި، މިއީ ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް އަތުން އިތުރު ޚަރަދެއް ނުކޮށް ވިސާ ލިބުމަކީ ވެގެންދާނެ ކަމެއް ކަމަށް އޭނާ ސަފީރު ފާހަގަ ކުރެއްވިއެވެ.

މިއަދު ހުޅުވިގެން ދިޔަ ވިސާ ސެންޓަރުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް ހައްލެއް ލިބި އަތުންދާ ހަރަދުތައް ކުޑަވެގެންދާނެ. މީގެ ކުރިން ވެސް ވިސާ ކުލިނިކްތައް ހުޅުވި ނަމަވެސް، އަޅުގަނޑުމެން ދިޔައީ މިކަމަށް މަސައްކަތްތަކެއް ކުރަމުން. މީގެ ކުރިން ވިސާ ހޯދާ މިންވަރު މަދުވި ނަމަވެސް އަހަރުން އަހަރަށް ވިސާ ހޯދާ ފަރާތްތައް ދަނީ އިތުރުވަމުން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް އޮތްތަނުގައި މި ސެންޓަރު ކުޑަވެގެންދާނެ. އަދި މިތަނުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު އިތުރުވެ ބޮޑު ސެންޓަރެއް ހުޅިގެންދިއުމަކި ދުރުގައި އޮތްކަމެއް ނޫން،
ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ރޯޑްސް
ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު މީލާން ހޮވަރުކާ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު މީލާން ހޮވަރުކާ ވިދާޅުވީ، ވިސާ ސެންޓަރު ހުޅުވިގެން ދިއުމަކީ ރާއްޖޭގެ ތާރީޚުގައި ވެސް އަދި އެ ޤައުމުގެ ތާރީޚުގައި ކުރެވުނު ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ބެލިނަމަވެސް ކުރެވުނު މުހިންމު މަސައްކަތަކެއްކަން ސަފީރު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެންގެ ބައިވަރު ފަތުރުވެރިން ރާއްޖެ ނައި ނަމަވެސް، ރާއްޖެއަކީ މި ސަރަހައްދުގެ އެންމެ މަގުބޫލު ޑެސްޓިނޭޝަންގެ ގޮތުގައި މީހުން ވަނީ ބަލައިގަނެފައި. މިއީ ދެކޮޅަށް ވެސް ފައިދާ ކުރާނެ ކަމެއް. އަޅުގަނޑުމެން ދިވެހިންނަށް އަބަދުވެސް މަރުހަބާ ކިޔާނަން،
ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު މީލާން ހޮވަރުކާ

ޖަރުމަންވިލާތާއި ޗެކް ރިޕަބްލިކްގެ ވިސާ މިހާރު ރާއްޖޭގައި ތިބެގެން ނެގޭނެ އިންތިޒާމު ހަމަޖެހުނުއިރު، ކުރިއަށް އޮތްތަނުގައި ޔޫރަޕުގެ އިތުރު ޤައުމުތަކުންވެސް ރާއްޖޭގައި ތިބެގެން ވިސާ ނެގޭނެ އިންތިޒާމު ހަމަޖައްސަމުންދާނެއެވެ.

މި ރަސްމިއްޔާތުގައި ޖަރުމަންވިލާތުގެ ސަފީރާއި، ޗެކް ރިޕަބްލިކްގެ ސަފީރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އެމްއެމްޕީއާރްސީއާއި، ޓޫރިޒަމް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، މަޖިލިސް ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު 2018 ވަނަ އަހަރު ވެރިކަމާއި ޙަވާލުވެވަޑައިގެން، ފޮރިން މިނިސްޓަރ ކަމުގެ މަޤާމަށް ޢަބްދުﷲ ޝާހިދު އައްޔަނުކުރެއްވުމަށް ފަހު ދިވެހިންނަށް ފަސޭހައިން ބޭރު ޤައުމުތަކުގެ ވިސާ ލިބޭނެ އިންތިޒާމު ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.

އެގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ތައިލެންޑް، މޮރޮކޯ އަދި ރަޝިޔާއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް މިހާރު ދަތުރުކުރެވޭއިރު، ދިވެހިންނަށް ސައޫދީ ޢަރަބިއްޔާއިން އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާއިން ދިވެހިންނަށް ވިސާގެ ގިނަ ލުއިފަސޭހަތަކެއް މިހާރު ވަނީ ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް