Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 09:51
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި މަޖިލީހުން ކުރަން އޮތްކަމަކީ މިނިސްޓަރަށް އަދަދެއް އެރުވުން: ރައީސް ނަޝީދު
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިހާރު އެކަން އޮތީ އިގްތިޞާދީ ކޮމިޓީގައި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި އެކަމާގުޅޭ ރިޕޯޓް އިކޮނޮމިކް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށާއި، މަޖިލީހުން މިހާރު ކުރަން އޮތްކަމަކީ އެކަމަށް ޢަދަދެއް ކަނޑައެޅުމަށްފަހު، މިނިސްޓަރަށް އެރުވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި، އިޢުލާނު ކުރައްވާނެކަމަށެވެ. މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި ސެލަރީޒް އެންޑް ވޭޖް އެޑްވައިޒަރީ ބޯޑުން ހުށަހަޅާފައިވާ ރިޕޯޓާއި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ރިޕޯޓް އަދި ސްޓޭކް ހޯލްޑަރުންނާއެކު އެމިނިސްޓްރީން ބޭއްވި ބައްދަލުވުންތަކުގެ ރިޕޯޓެއްގެ މައްޗަށް ބެލުމަށްފަހު އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން އެމިނިސްޓްރީއަށް ފާހަގަކުރެވުނު ކަންތައްތައް ހިމެނޭ ކަރުދާހެއް މަޖިލީހަށް އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވަނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.

ކަރުދާހާއެކު އެކޮނޮމިކް މިނިސްޓަރ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންތަކުގައި ރައްޔިތުންގެ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާތީ ސިޓީއާއެކު ފޮނުވާފައިވާ ކަމަށެވެ. އެދުވަހުގެ ޖަލްސާގައި މިރިޕޯޓް ދިރާސާކޮށް މިކަން ނިންމުމަށް ފޮނުވާފައިވަނީ އިގްތިޞާދީ ކޮމިޓީއަށެވެ.

Advertisement

ފެބްރުއަރީ މަސް ނިމުނުއިރު މިނިމަމްވޭޖް ކަނޑައެޅިފައިނުވާތީ އެކަމަށް މަޢާފަށް އެދިވަޑައިގެން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިމަމް ވޭޖު ކަނޑަނޭޅިވަނީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިކަމުގައި ކޮމިޓީން ކަމާބެހޭ ފަރާތްތަކާއި ބައްދަލުކޮށް، މަޝްވަރާކޮށް ވާހަކަދައްކާ ކަންކަން ސާފުކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑު ދެކޭގޮތުގައި ކޮމިޓީގެ ނިންމުގައި އަދަދެއް ހިމެނެންޖެހޭ. އެއީ އެންމެ ކުޑަ އުޖޫރައިގެ އަދަދު ހިމެނެންޖެހޭ. އެ ނިންމުމާއެކު މަޖިލީހުގެ ތަޅުމަށް ގެނެވޭނެ. ދެން އެރިޕޯޓާގުޅޭގޮތުން މަޖިލީހުން ނިންމާ ނިންމުން އެއީ މަޖިލީހުގެ ނިންމުން. މިނިސްޓަރ އެދިވަޑައިގަންފައިވަނީ މަޖިލީހުގެ ލަފަޔަކަށް. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އެއީ ވަޒީފާ އާ ބެހޭ ޤާނޫނުގައި ވަނީ މިނިސްޓަރ އެއުޖޫރަ ކަނޑައެޅުމަށް. އަދި އެއުޖޫރަ ކަނޑައެޅުމަށްޓަކައި ލަފާދޭ ބޯޑެއްގެ މަޝްވަރާ ހޯއްދެވުމަށް. މިނިސްޓަރ ވަނީ ލަފާދޭ ބޯޑުގެ މަޝްވަރާ ހޯއްދަވާފައި. އެބޯޑުގެ ރިޕޯޓް މިނިސްޓަރ މިތަނަށް ފޮނުއްވެވި. އަޅުގަނޑުމެން އެރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު މިނިސްޓަރަށް އަދަދެއް އެރުވުން އަޅުގަނޑަށް ފެންނަފެނުމުގައި މިހާރުދެން މިކަމުގައި އަޅުގަނޑުމެން ކުރަން އޮތް ކަމަކީ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މިދައުރުގެ ތެރޭގައި މިކަން ކުރިޔަށްދާނެ ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ކަންކަމުގައި އިގްތިޞާދީ ކޮމިޓީގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ 10 ޖަހާއިރު ބޭއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. މިކޮމިޓީގެ ބައްދަލުވުމުގައި މިކަން ނިންމާނެ ސުންގަނޑިއެއް ކަނޑައެޅުމާއި މިމަސައްކަތް ކުރިޔަށްގެންދިޔުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.

ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށާއި، ޓޫރިޒަމް ދާއިރާއާއި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާ އަރުވައިފަ އެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް