ޖެންޑަރ މިނިސްޓްރީގެ ކޭސް ލޯޑާއި އަޅާބަލާއިރު ފަންނީ މުވައްޒަފުން ނެތުމުގެ ސަބަބުން ތިބި މުވައްޒަފުންނަށް މަސައްކަތްކުރަންޖެހޭ ނިސްބަތް އިތުރުވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީ ސަޕޯޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ޕަރފޯމަންސް ދެނެގަތުމަށް ކޮށްފައިވާ އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން ކޮށްފައިވާ މިއޮޑިޓަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވާ ކަންކަމުގެ ތެރެއިން ކުޑަކުދިންގެ މައްސަލަތައް ތަހުޤީޤުކޮށް އެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފެމިލީ ސަޕޯޓް ޑިޕާޓްމަންޓުން ކުރަމުންދާ މަސައްކަތްތަކުގެ ޕަރފޯމަންސް ދެނެގަތުމަށް ކޮށްފައިވާ އޮޑިޓެކެވެ.
މިއޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހުށަހެޅޭ މިންވަރު ވަނީ އިތުރުވަމުން އައިސްފަ އެވެ. 10 ފެބްރުއަރީ 2020 އާ ހަމައަށް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އައިސްފައިވަނީ 16 ކޭސްވާކަރުންނާއި 1 ސުޕަވައިޒަރެވެ. އެއިން ކޮންމެ މުވައްޒަފަކު އެވްރެކްޖޮށް 76 ކޭސް ބަލަހައްޓަމުންދާ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މިނިސްޓްރީގައި 10 ފެބުރުވަރީ 2020ގެ ނިޔަލަށް 1,217 މައްސަލަ ބަލަމުންދާ ކަމަށް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ކޭސްވާކަރުންނަށް އެކަށީގެންވާ އަދަދަށްވުރެ ގިނައިން ކޭސް ހަވާލުކުރުމުގެ ސަބަބުން ކޭސްތަކަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ނުދެވި، މަސައްކަތުގެ ފެންވަރަށް އަސަރުކުރާކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި މިގޮތުން ކޭސް އެލޮކޭޓް ނުކުރެވި ގިނަ ދުވަސްތަކެއް ހޭދަވާކަމަށާއި އެސެސްމަންޓް ގަވާއިދުން ހެދުމުން ނުދާކަމަށާއި އެސެސްމަންޓުގައި ހިމަނަން ޖެހޭ ބައެއް މުހިންމު މައުލޫމާތު ހިމަނާފައިނުވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކްޝަން ޕްލޭން ތައްޔާރުކޮށް ފޮލޯ-އަޕް ގަވާއިދުން ހެދުމުން ނުދާކަމާއި ކޭސްތައް ގަވާއިދުން ނިންމަމުން ނުދާކަން ފާހަގަކުރެވޭކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
ސުޕަވައިޒަރަށް ބެލެހެއްޓޭ ވަރަށްވުރެ މިނިސްޓްރީގައި ކޭސްތައް ގިނަވުމުންނާއި ސުޕަވައިޒަރުންނަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން ސުޕަވައިޒަރުންގެ ފަރާތުން އެކަށީގެންވާ މިންވަރަކަށް އެހީތެރިކަމާއި އިރުޝާދު ކޭސްވާކަރުންނަށް ފޯރުކޮށްދެވެމުން ނުދާކަން ފާހަގަވާކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން، މި އޮޑިޓްގައި ކުރިއަށް ގެންދިޔަ ސާވޭގައި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ގަވާއިދުން ލިބެމުން ނުދާކަމަށް %33 މުވައްޒަފުން ބުނެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި އެހީތެރިކަމާއި އިރުޝާދު ގަވާއިދުން ލިބެމުންދާކަން ފާހަގަކޮށްފައިވަނީ %20 މުވައްޒަފުންނެވެ.
ދުނިޔޭގެ ސޯޝަލްވާކް ކުރިއަރައިފައިވާ ގައުމުތަކުގައި ކޮންމެ ކޭސްވާކަރެއްގެ ކޭސް ލޯޑު 15-20 ދަމަހައްޓައިފައިވާއިރު، މިފަދަ މިންގަނޑަކަށް ރިއާޔަތްކުރެވިގެން ކޭސްވާކަރުންނަށް ކޭސްތައް އެލޮކޭޓް ކުރަމުން ނުދިޔުމުގެ ސަބަބުން މަސައްކަތުގެ ފެންވަރު ދަށްވެފައިވާކަން ފާހަގަވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
މިއޮޑިޓް ތެރެއިން ކުރިޔަށްގެންދިޔަ ސާވޭގައި ބައިވެރިވި 15 ކޭސްވާކަރުންގެ ތެރެއިން 86 އިންސައްތަ މުވައްޒަފުން މަސައްކަތްކުރަމުންދާއިރު އަމިއްލަ ނަފުސަށް އަޅާލާނެ ވަގުތު ނުލިބޭކަމަށް ބުނެފައިވެ އެވެ.
މިކަން ހައްލުކުރުމަށް މުވައްޒަފުން އިތުރުކުރުމަށް ޕޮލިސީ ލެވެލްގައި އެޅެން ހުރި އަވަސް ފިޔަވަޅުތައް އެޅުމަށާއި މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ޖަޒުބާތީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް އެކަށީގެންވާ ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުމަށް ވަނީ އެދިފައެވެ. އެކަށީގެންވާ މިންވަރަށް މުވައްޒަފުން ހޯދުމުގައި މިނިސްޓްރީއަށް ގޮންޖެހުންތަކެއް ހުރިކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހާ ހަމައަށް 13 ކޭސްވާކަރުންނާއި 2 ސުޕަރވައިޒަރުންގެ މަގާމު ހުސްކޮށް އޮތްކަމަށާއި ނަމަވެސް ތަކުރާރުކޮށް އިއުލާން ކޮށްގެންވެސް އެކަށީގެންވާ މިންވަރަށް މީހުން ކުރިމަތިނުލާކަން ވަނީ ރިޕޯޓްގައި ފާހަގަކޮށްފައެވެ.
މައްސަލަތައް ހައްލުކުރުމަށް ކޭސްތަކަށް އެކަށީގެންވާ ސަމާލުކަން ދެވޭ މިންވަރަށް ކޭސްވާކަރުންގެ ކޭސްލޯޑު ހިފެހެއްޓުމަށް މިނިސްޓްރީއަށް ވަނީ އިލްތިމާސްކޮށްފަ އެވެ.