މުޖުތަމަޢުގެ ހެވާއި ލާބައަށް ކުރާ ކޮންމެ ކަމަކީ، ކޮންމެ ފަރުދަކަށްވެސް އެކަމުން މަންފާ ކުރާނޭ ކަމެއްކަން ޤަބޫލުކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް މަސައްކަތް ކުރުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވައިލައްވައިފިއެވެ.
ފަސްޓްލޭޑީ ފަޒްނާ މިހެން ވިދާޅުވީ އެމްއެންޔޫއިން "ފުރާތަ" ގެ ނަމުގައި ކުރިޔަށް ގެންދާ ސިލްސިލާ ހަރަކާތް އިފްތިތާހުކޮށްދެއްވުމަށް އާދިއްތަ ދުވަހު ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަޒްނާގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލެއްވީ ފަރުދަކަށް ލިބޭ ކޮންމެ މޮޅެއް މުޖުތަމައުއާ ހިއްސާކުރުމުގެ މުހިންމު ކަމަށެވެ.
އެކަމަނާ ވަނި މައުނަވީ ރަނގަޅު ދިރިއުޅުމެއް އުޅެން ބޭނުންނަމަ، ކޮންމެ މީހަކުވެސް އެހެން މީހުންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް އެހީތެރިވާން ޖެހޭނެކަމަށް ވިދާޅުވެފައެވެ. ސަބަބެއް ކަމަށް އެކަމަނާ ވިދާޅުވީ، އިންސާނެއްގެ ދިރިއުޅުމުގެ އަގަކީ އެ ދިރިއުޅުމުގެ ތެރޭގައި އިހްސާންތެރިކަމާއެކު ބަދަލުކުރެވޭ އެހީގެ ސަބަބުން އެހެން އިންސާނުންގެ ހިތްތަކުގައި ބިންވަޅު ނަގުވާއިދޭ ޝުޢޫރުގެ މިންވަރުކަމުގައި ވާތީކަމަށެވެ. އަދި، ދިރިއުޅުމުގައި އުފާވެރިކަން ޙާސިލުކުރަން ބޭނުންނަމަ އެހެން މީހުންގެ އުފާވެރިކަމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށެވެ.
މިއާއިއެކު، އެހެން މީހުންނަށް ޒިންމާދާރުކަމާއި އިހްސާންތެރިކަމާއި އޯގާތެރިކަމާއިއެކު އަޅައިލުން ފޯރުކޮށްދޭ ކޮންމެ ހިނދެއްގައި އެ ފޯރުކޮށްދެވެނީ މުޖުތަމަޢަށް އަނބުރާ ރައްދުކުރެވޭ އަގެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި، ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް އެބައެއްގެ މައްޗަށް ބަރޯސާވާ މީހުންގެ ފަރާތުން އެހީތެރިކަމާއި އަޅައިލުމާއި ދީލަތިކަން ފެނި ތަޖުރިބާކުރެވޭނަމަ އެކުދީންގެ ކިބައިން އެދީލަތިކަން ފެނުމަކީ ގާތްކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
"ފުރާތަ" އަކީ އެމް.އެން.ޔޫ.ގެ ކެމްޕަސްތަކާއި ދަރިވަރުން މެދުވެރިކޮށް މުޅި މުޖުތަމަޢަށް، އަދި ވަކީން ޚާއްޞަކޮށް އަޅައިލުން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް، އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ ދުރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމުގެ މަޤްޞަދުގައި ދަރުމައަށް ޚިދުމަތްކުރުމަށް ބާރުއަޅާ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ދަށުން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނާއި، ބިދޭސީންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދީންނާއި، ޓެކްސީ ޑްރައިވަރުންނާއި، ދަނޑުވެރިންނާއި، މަސްވެރިންގެ އިތުރުން އެހެނިހެން ފަރާތްތަކަށް އަމާޒުކޮށްގެން އެކި ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.
ފަޚުރުވެރި ދިވެހި ޢާއިލާއެއް ބިނާކުރުމުގައި ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށްޓަކައި ޢާންމު މަޞްލަޙަތުތަކަށް އިސްކަންދެވޭ ފޭރާން ހެޔޮ އިޖްތިމާޢީ ވެށްޓެއް ޤާއިމްކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.