މިނިމަމް ވޭޖް ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަނޑަނޭޅުނީތީ މަޢާފަށް އެދޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު މިނިސްޓަރ ވަަނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ. އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށް ބުނެ ޢާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ ދަނޑިވަޅެއްގައި އާދިއްތަ ދުވަހު މިނިސްޓަރ ފައްޔާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ،މިނިމަމް ވޭޖް ކަނޑައެޅުމަށް ދެވުނު ތާރީޚު ފާއިތުވެގެންދިޔަ އިރުވެސް އެކަން ކުރެވިފައިނުވާކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދެން އެކަމުގައި އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ބަހެއް ހޯދުންކަމަށެވެ. މިނިމަމް ވޭޖު ކަނޑަނޭޅިވަނީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މީގެކުރިން ވިދާޅުވެފައިވަނީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅިގެންދާނެ ކަމަށެވެ. އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށް މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށް ބުނެ ޢާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެކެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމަވާލައްވައި މެންބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު ނުނިމިއޮތީ މިނިމަމްވޭޖް ބިލުގެ މަސައްކަތް އެކަންޏެވެ.